މިފްކޯއަކީ މިހާރު ފައިދާވާ ކުންފުންޏެއް ކަމަށާއި ކުންފުނީގެ އުފެއްދުންތެރިކަން ވަނީ 30 ޕަސެންޓު އިތުރުވެފައި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެއެވެ.
މިފްކޯއަކީ 2014 ވަނަ އަހަރު ތިން ކުންފުންޏެއް އެއްކޮށްލައި އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެކެވެ. ނަމަވެސް ސަރުކާރުން ވަނީ ދާދި ފަހުންވެސް މިފްކޯއަށް އެހީވުމުގެ ގޮތުން އެސްޓީއޯއަށް 46 މިލިއަން ރުފިޔާގެ ލޯނެއް ދީފައެވެ.
މިއަދު މިފްކޯ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވެފައިވަނީ ދަތިތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ބުރަ މަސަކަތް ކުރެވި މިއަދު މިފްކޯއަކީ ފައިދާވާ ކުންފުންޏެއް ކަމަށެވެ. އަހަރު ނިމުމުން ފައިދާ ވީވަރު ހިއްސާ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ވިދާޅުވެފައިވަނީ މިފްކޯގެ އަމާޒަކީ ޚަރަދުތައް ކުޑަކުރުމަށް ފަހު ސަތޭކަ ޕަސެންޓު ފައިދާވާ ކުންފުންޏަކަށް މިފްކޯ ހެދުން ކަމަށެވެ. މަހުގެ އަގު މާކެޓުގައި އުފުލުމަކީވެސް މިފްކޯއަށް ފައިދާވުން ކަމުގައި ދެކޭ ކަމަށް އަދުލީ ވިދާޅުވެފައިވެއެވެ.