2014 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސްއަށް ވެސް އަދި އޭގެ ފަހުން ބާއްވާ މަޖިލިސް އިންތިހާބަކަށް ވެސް ކުރިމަތި ލައްވަން ނޫޅުއްވާކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި މުހައްމަދު ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނައިބުކަން ކުރެއްވި ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
"އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި ސުއޫދު ވިދާޅުވީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ހުޅުމީދޫގައި ގާއިމް ކުރުމުގެ މަސައްކަތްފަށާފައިވާ ލޯ ކޮލެޖްގެ މަސައްކަތުގައި މި ދުވަސްކޮޅު މާގިނައިން އައްޑޫއަށް އަންނަން ޖެހިފައިވާކަަމށެވެ. އަދި އެގޮތަށް އަންނަން ފެށުމުން ބައެއް ފަރާތަކުން އެމަނިކުފާން މަޖިލިސް ގޮޑިއަށް ކުރިމަތި ލައްވަން އުޅުއްވާކަމަށް ވިދާޅުވެ ވާހަކަ ދައްކަމުން އަންނަ ކަމަށް ސުޢޫދު ވިދާޅުވިއެވެ.
"އަޅުގަނޑު 2014ގެ މަޖިލިސް އިންތިޙާބުގައި ވެސް އަދި އޭގެ ފަހުން ބާއްވާ މަޖިލިސް އިންތިހާބަކަށް ވެސް ކުރިމަތި ނުލާނަން، އެކަމުގެ ޝައުގުވެރިކަމެއްވެސް ނެތް" ގާނޫނު އަސާސީ އިސްލާހު ކުރެއްވި އިރު ޙާއްސަ މަޖިލިސްގެ އައްޑޫ އެއްގޮޑި ފުރުއްވި ސުއޫދޫ ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ މަޖިލިސް އަށް ވުރެ މުހިއްމު ކަންކަން އެމަނިކުފާން ކުރައްވަން އެބައޮތް ކަމަށެވެ. އެހެންވެ އެމަނިކުފާން މަޖިލިސް ގޮޑިއާއި މެދު އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށެވެ.
"އަޅުގަނޑު ބޭނުން އެ ސުވާލު އުފައްދާ އެންމެހާ ފަރާތަކަށް ބުނެލަން އަޅުގަނޑު އައްޑޫއަށް އަންނަނީ މަޖިލިސް ގޮޑިއަކަށް ނޫން، އަޅުގަނޑު އައްޑޫގައި ފަށާފައިވާ މަސައްކަތް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މިއަންނަނީ" ސުއޫދު ވިދާޅުވިއެވެ.
ސުޢުދޫވަނީ މިކަމަށް އިޝާރާތް ކުރައްވައި އިއްޔެ ޓުވީޓެއްވެސް ކޮށްފައެވެ.