Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ކުޅުދުއްފުށީ ކުޅި ހިއްކާތީ ކަންބޮޑުވާ ރައްޔިތެއް ނެތް: ޕީޕީއެމް

ފޮޓޯ: ޕީއެސްއެމް

ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް އެރަށު މަށިކުޅި ހިއްކާތީ ކަންބޮޑުވާ ރައްޔިތަކު ނެތްކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމް "އަސްތާ" ޖަލްސާ އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ ވައުދު ހަނދާން ކޮށް ދިން މީހުން މިއަދު އެކަމާއި ދެކޮޅު ހަދަން ފަށާފައިވާ ކަމަށެވެ. އަދި އެކަމުގައި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެއް ނެތް ކަމަށް ނިހާން ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވީ ކުޅި ހިއްކާތީ ކަންބޮޑުވެގެން ކުޅުދުއްފުށީ އެއްވެސް ރައްޔިތަކު ނޫޅޭ ކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްޤީކަމަށެވެ. އަދުރޭ ވިދާޅުވީ ސަރުކާރުގެ އެކި ވަރުގެ ވަފުދުތައް އެރަށައް ގޮސް ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

ނަމަވެސް އެކަމާއި ކަންބޮޑުވެ އެކަން ނުކުރުމަށް އެދޭ ރައްޔިތަކު ނެތް ކަމަށެވެ.

މި ބައްދަލުވުމުގައި ނިހާން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބްގެ ކެމްޕެއިން ދުވަސްވަރު ކުޅުދުއްފުއްޓަށް ގޮސް އެރަށުގައި އެއާޕޯޓް އަޅައި 2018 ވަނަ އަހަރުގެ އިންތިހާބަށް ވައިގެ މަގުން އެރަށައް އަންނާނެކަމަށް ބުނެފައިވާ ކަމަށެވެ.

އެހެންވެ އިއްތިފާގުން ނަމަވެސް އަންނަ ރިޔާސީ އިންތިހާބަށް ވައިގެ މަގުން އެރަށައް ދެވޭވަރުވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

މި ނޫސް ކޮންފަރެންސްގައި އަދުރޭ އަދި ނިހާން ވިދާޅުވީ ކުޅި ހިއްކާތީ ކުއްލިއަކަށް ބަޔަކު މީހުން މާވަރަކަށް ތިމާވެށުވެގެން އުޅެން ފަށައިފިކަމަށެވެ.

ޕީޕީއެމްއިން މިފަދައިން ބުނެފައިވާއިރު ކުޅުދުއްފުށީ ކުޅި ހިއްކާތީ ކަންބޮޑުވެ 13 ޖަމިއްޔާއަކުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.