އައްޑޫ ސިޓީ، ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ(އެސްބީއައި) ގެ ސެކިއުރިޓީ އަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު އެތަނުގެ އޭޓީއެމް ވަގަށް ގެންދަން މަސައްކަތް ކޮށްފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްބީއައިގެ ސެކިއުރިޓީއަށް ހުރި ބިދޭސީ މީހާއަށް ހަމަލާދީ އެތަނުގެ އޭޓީއެމް ވަގަށް ގެންދަން މަސައްކަތް ކުރީ ރޭ ދަންވަރު ވަގުތެއްގައެވެ.
ބިދޭސީ މިހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެެވެ.
އޭޓީއެމް ވަގަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، އެއިން އެއްވެސް އަދަދެއްގެ ފައިސާއެއް ނެގިފައި ނުވާކަން އެސްބީއައި ހިތަދޫ ބްރާންޗުން ވަނީ ކަށަވަރުކޮށްދީފައެވެ.
"ބިދޭސީ މީހާގެ ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީފައި އޭޓީއެމް ގެންދަން އުޅުނީ ނުވަތަ ހަލާކުކޮށްގެން ފައިސާ ނަގަން އުޅެފައި ވަނީ. އޭޓީއެމް އަށް ވަނީ ގެއްލުންތަކެއް ދީފައި. އެކަމަކު ފައިސާ އެއް ނުނެގޭ." އެސްބީއައި ހިތަދޫ ބްރާންޗުން ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.
އެސްބީއައިގެ ސެކިއުރިޓީއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު އެ ބްރާންޗްގެ އޭޓީއެމް މެޝިން ވަގަށް ގެންދަން އުޅުނު މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހުގީގް ކުރަމުންނެވެ.