Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ދަގަނޑޭ ވެސް އެނބުރި ގައުމީ ސްކޮޑަށް

ގައުމީ ކެޕްޓަން އަލީ އަޝްފާގް(ދަގަނޑޭ) އަދި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އިބްރާހިމް މަހުދީ(ހަބޭސް އިއްބެ) ގެ އިތުރުން މާޒިޔާގެ ޒުވާން ކީޕަރު ހުސެން ޝަރީފަށް ގައުމީ ސްކޮޑުން ޖާގަ ދީފިއެވެ.

އަންނަ އަންގާރަ ދުވަހު ގައުމީ ޓީމު ކުޅުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ މެޗުގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް އަޝްފާގު އެނބުރި އައިސްފައިވަނީ އަނިޔާގެ ސަބަބުން ގަލޮޅު ދަނޑުގައި އޮމާނާ ބައްދަލުކުރި މެޗުން އޭނާ ބާކީވުމަށްފަހުގައެވެ.

މިސީޒަނުގައި ޓީސީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަބޭސް އިއްބެއާއި މާޒިޔާގެ އުއްމީދީ ކީޕަރު ހުސެން ޝަރީފްވެސް ގައުމީ ޓީމުގައި ހިމަނައިގެން ފަރިތަކުރުންތައް ފަށާފައިވާއިރު ގައުމީ ޓީމާއި ފަލަސްތީނު ރާއްޖޭގައި ބައްދަލުކުރި މެޗުން ރާއްޖެ ވަނީ 0-3 އިން ބަލިވެފައެވެ.

އޮމާނާ ދެކޮޅަށް ރާއްޖެ ރަށުން ބޭރުގައި ކުޅުނު މެޗުންވެސް ރާއްޖެ ވަނީ 1-3 އިން ބަލިވެފައެވެ. އެހެންކަމުން ކޮލިފައިވުމުގެ ފުރުސަތު ހަނިވެފައިވާއިރު ރާއްޖެއަށް ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. އެއްވަނައިގައި އޮތް ފަލަސްތީނު ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓު ހޯދާފައިވާއިރު އޮމާން ވަނީ ކުޅުނު ހަތަރު މެޗުން ތިން މެޗު ކާމިޔާބުކޮށް 9 ޕޮއިންޓު ހޯދާފައެވެ.