ރާއްޖެއާއެކު އިންޑިޔާއާއި އެމެރިކާއިން ކުރަމުންދާ މަޝްވަރާތައް ނިމޭއިރު އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"މިހާރު" ނޫހަށް ނަޝީދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް އެމަނިކުފާނަށް ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ނަމަވެސް އެމްޑީޕީން ކެންޑިޑޭޓަކު ނެރޭނީ ޕްރައިމަރީއެއް ބޭއްވުމަށްފަހުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ހައްޔަރުކޮށްފައިތިބި ސިޔާސީ ލީޑަރުންވެސް މިނިވަންކުރަން ޖެހޭނެ ކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން މިހާރުވެސް އެބައޮތް ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށްފައެވެ.
ނަމަވެސް ނަޝީދު ވިދާޅުވެފައިވަނީ މިވަގުތު މިތިބީ އިއްތިހާދެއްގައި ކަމަށާއި ގޮތް ނިންމާނީ އިއްތިހާދުން މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އަދި ބޭނުންވަނީވެސް އިއްތިހާދާއެކު ކުރިއަށް ދިއުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑަށް ޔަގީންކަން އޮވޭ ކުރިމަތިލެވޭނެކަން. އެހެން ނަމަވެސް ޕާޓީތަކުން ނިންމަންވީ އަޅުގަނޑުމެން ކުރިޔަށް ދާނެ ގޮތެއް. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެތް ނުހިނގާ. އަދި ހާއްސަކޮށް މިހާރު އެބަ ފެނޭ އެ މަންޒަރު ވަރަށް ބޮޑަށް ތަފާތުވާތަން،"
ނަޝީދު ވަނީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ވެގެންދާނީވެސް އެމަނިކުފާނަށް ކުރިމަތިލެވޭ ގޮތް ވުމުން ކަމަށް ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ ގިނަ ޕާޓީ ވާދަކުރި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވުމަށްފަހު ނަޝީދު ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ވާދަކޮށްފައެވެ. ނަމަވެސް ރައީސް ޔާމީނާއެކު ހެދި އިއްތިހާދާ ވާދަކޮށް ނަޝީދު ވަނީ ބަލިވެފައެވެ.
އަންނަ އިންތިޚާބާ ގުޅޭގޮތުން ނަޝީދު ވިދާޅުވެފައިވަނީ އެންމެ ބުއްދިވެރި ގޮތަކީ އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުން ކަމަށެވެ. އިންތިގާލީ ސަރުކާރެއް ގެނައުމަށްފަހު ވާދަވެރި އިންތިޚާބަކުން ވެރިޔަކު ހޮވުމަށް ނަޝީދު ވަނީ ގޮވާލާފައެވެ. ނަމަވެސް ރައީސް މައުމޫން ވިދާޅުވެފައިވަނީ އަދި އެކަމާއި މެދު ނުވިސްނާ ކަމަށާއި މިހާރު ކުރަން ޖެހޭ ކަންކަމާމެދު ވިސްނަމުންދާ ކަމަށެވެ.