ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓަލަން އަޑީގައި އޮތީ ލަންކާ ސަރުކާރު ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ ވިލުފުށީ ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ތުހުމަތު ކުރައްވައިފި އެވެ.
ޕީޕީއެމް އަސްތާ ޖަލްސާގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޔާޒު ވިދާޅުވީ ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރު ވައްޓާލުމަށް އިދިކޯޅު ފަރާތްތަކަށް ލަންކާއިން ވާގިވެރިވާކަމަށެވެ.
ރިޔާޒު ވިދާޅުވީ މީގެ ކުރިންވެސް ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ލަންކާއިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންވެ އެކަމާއި ކަންބޮޑުވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ވެރިކަން ވައްޓާލަން މަސައްކަތް ކުރަނީ ރާއްޖެ ތަރައްޤީ ފެނި އެކަމާއި ކަންބޮޑުވެގެން ކަމަށެވެ.
ރިޔާޒު މިފަދަ ތުހުމަތެއް ލަންކާއަށް ކުރިއިރު އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޭތެރެ ދޭތެރެއިން ލަންކާއަށް ވަޑައިގަންނަވައެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މަޝްވަރާ ކުރިއަށް ގެންދަނީ ލަންކާގައެވެ.
ލަންކާއަށް މިފަދަ ބޮޑު ތުހުމަތެއް ރިޔާޒު ކުރެއްވި އިރު ދާދި ފަހުން ރާއްޖޭން ލަންކާއަށް ކަނޑައެޅި ސަފިރު ހުސެއިން މުހައްމަދު ޝަރީފް ވިދާޅުވީ ލަންކާގައި ޕީޕީއެމް މާ ވަރުގަދަ ކަމަށާއި އެމްޑީޕީގެ ކިއްލާއެއް ގޮތަށް ލަންކާ ދެނެއް ސިފަ ނުކުރެވޭނެ ކަމަށެވެ.