Last Updated: April 20, 18:05
Saturday, April 20, 2024
ޚަބަރު

ޓްވިޓާގައި ދެން ކުރުކޮށް ފޮނިކޮށް ލިޔާކަށް ނުޖެހޭނެ

ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް ނެޓްވޯކް، ޓުވިޓާގައި ލިޔެވޭ އަކުރުތަކުގެ އަދަދު 140 އިން 280 އަށް އިތުރުކޮށްފިއެވެ.

ޓުވިޓާއިން މިނިންމުން ނިންމާފައިވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރުކޮށް ފޮނިކޮށް ލިޔުމަށް ފުރުސަތު ދިނުމަށްފަހުގައެވެ. ޓުވިޓާއިން ޓުވީޓެއްގައި ލިޔެވޭނެ ކެރެކްޓާސް އިތުރުކުރުމަށް ނިންމާފައިވާކަން އިއުލާން ކުރީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި ބައެއް މީހުންނަށް 280 ކެރެކްޓާސް ލިޔުމަށް ދޫކުރިއެވެ.

ނަމަވެސް މިއަދު ޓުވިޓާއިން ވަނީ އެންމެންނަށް މިބަދަލު ގެނެސްފައެވެ. އަދިވެސް ބައެއް މީހުން އަންނަނީ ބަދަލު ނާންނަކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

ޓުވިޓާއިން މިބަދަލު ގެނައުމަށް ނިންމީ އިނގިރޭސި އަދި ސްޕެނިޝް ފަދަ ބަސް ބޭނުން ކުރާ މީހުނަށް އެއް ޓުވީޓަކުން ޝުއޫރު ފާޅުކުރަން ދަތިވާތީ އެކަމުގެ ޝަކުވާ ބޮޑުވެގެންނެވެ.

މިބަދަލު ވަރަށް ގިނަ ބަޔަކު ބަލައިގަނެފައިވާއިރު މަދު ބަޔަކު އަންނަނީ މިބަދަލަކީ އެދެވޭ ބަދަލެއް ނޫން ކަމަށްބުނެ ޚިޔާލު ފާޅުކުރަމުންނެވެ.

އެމީހުން ދެކޭ ގޮތުގައި ޓުވިޓާގައި ލިމިޓަކަށް ލިޔެވުމަކީ ޓުވިޓާގެ ޚާއްސަ ސިފައެއް ކަމަށާއި މިބަދަލުގެ ސަބަބުން އެކަން ގެއްލިގެންދާނެ ކަމަށް ބުނަމުންނެވެ. އަދި ކެރެކްޓާ އިތުރުކުރުމުގެ ބަދަލުގައި ލިޔުނު އެތި އިސްލާހުކުރުމުގެ ފުރުސަތު ދިންނަމަ މާރަނގަޅު ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.