Last Updated: June 29, 02:00
Sunday, June 28, 2026
މުނިފޫހިފިލުވުން

"މޮންސޫން ޝޫޓްއައުޓް" ހަތަރު އަހަރަށް ފަހު ރިލީޒް ކުރަނީ

ފިލްމް ޕްރޮޑިއުސަރު ގުނީތް މޮންގާ އާއި ޑައިރެކްޓް އަނޫރާޖް ކަޝްޔަޕް އެކުގައި އުފެއްދި ފިލްމް "މޮންސޫން ޝޫޓްއައުޓް" އެންމެ ފުރަތަމަ ދައްކާލާފައި ވަނީ 2013 ވަނަ އަހަރުގެ ކޭންސް ފިލްމް ފެސްޓިވަލްގަ އެވެ.

ލީޑް ރޯލުން ނަވާޒުއްދީން ސިއްދިޤީ ފެނިގެންދާ މި ފިލްމް ހަތަރު އަހަރަށްފަހު އިންޑިއާގައި ރިލީޒް ކުރަން އުޅޭކަމުގެ ޚަބަރުތައް ފެންމަތިވެއްޖެ އެވެ.

"މި ފިލްމް ބިނާކޮށްފައި ވަނީ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހެއް (ނަވާޒް) ގަޔަށް ބަޑިޖަހަންވީތޯ ނުވަތަ ނޫންތޯ ކަމާއިމެދު ވިޖޭ ވަރްމާ ކިޔާ ފުލުސް އޮފިސަރަކު ނިންމަންޖެހޭ ނިންމުމެއްގެ މައްޗަށް. މި ވާހަކަ ތިން ފަހަރު އެކި ގޮތްގޮތަށް ދައްކާފައިވޭ. އެއީ މި ފިލްމްގެ ޚާއްސަ ކަމަކީ. އެހެންކަމުން އޯޑިއެންސަށް މިފަދަ ފިލްމެއް ކަމުދާނެކަން ޔަޤީންކޮށް ނޭނގޭ"، ގުނީތް މޮންގާ ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން މި ފިލްމް ރިލީޒް ކުރުމަށް ރަނގަޅު ވަގުތެއް ޖެހެންދެން ވަރަށް ކެތްތެރިކަމާއެކު ފާއިތުވި ހުރިހާ ދުވަހަކު އިންތިޒާރު ކޮށްފައިވާ ކަމަށާއި، "ހިންދީ މީޑިއަމް" އަދި "ނިއުޓަން" ފަދަ ފިލްމްތައް އޯޑިއެންސް ބަލައިގަނެފައިވާކަން ފާހަގަ ކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

އެހެންކަމުން "މޮންސޫން ޝޫޓްއައުޓް" ވެސް ރިލީޒް ކުރުމަށް ވިސްނަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.