ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ބޮޑެތި ކާމިޔާބީތައް ލިބެމުންދާ ކަމަށާއި އޭގެ ސަބަބުން ސަރުކާރު ސައިޒު ވަމުންދާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ސަރުކާރުން ކުރަމުން ގެންދާ ދޯހަޅިކަންތަކާއި ބޭއިންސާފު މިހާރު ފެނިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުން އެބަދޭ. ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހާސިލްވަމުން އެބަދޭ. މިހާރު ސަރުކާރު އެދަނީ ސައިޒް ވަމުން. ސަރުކާރުން ކުރަމުންދާ ދޯހަޅިކަން ނުވަތަ ބޭއިންސާފުކަން އެދަނީ ފެންނަމުން،" މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މައުމޫން ވަނީ ކުރިއަށް އޮތް 2018 ވަނަ އަހަރު ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށް ވެސް ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނާއި މިނިވަން މުއައްސަސާތަކުގެ އިތުބާރު ގެއްލިފައިވާކަމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބަކަށް ދެވޭނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބުމުންކަމަށެވެ. އަދި އެހެން ނޫންނަމަ އެއީ ރައްޔިތުންގެ ފައިސާއިން ކުރެވޭ ބޭކާރު ޚަރަދެެއްކަމުގައި މައުމޫން ސިފަކުރެއްވިއެެވެ.
އަޅުގަނޑުމެން އިންތިހާބަކަށް ދެވޭނީ މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަން ލިބުނީމަ. އެހެން ނޫނީ އެއީ(އިންތިހާބަކީ) ބޭކާރު ކަމެއް" މައުމޫން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 10 ދާއިރާއެއްގެ މެންބަރުންގެ ތަމްސީލުކުރުން މަޖިލީހުގައި ހުއްޓުވާލުމަކީ އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ގާނޫނާއި ޚިލާފު އަމަލެއްކަމަށެވެ.
ޕާޓީން ވަކިވި ނަމަވެސް ދައުރު ފުރިހަމަވަންދެން މަޖިލީހުގެ މެންބަރުކަމުގައި ހުންނެވޭނެކަމަށާއި އެހެންކަމުން މަޖިލީހުގެ ދިހަ ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ގާނޫނީ ބުރަދަނެއްހުރި ވާހަކަތަކެއް ނޫންކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތިބީ ރައްޔިތުންނާއި އެކުގައި ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ، އިދިކޮޅު ފަރާތްތަކަކީ "އަޅުގަނޑުމެންނެއް ނޫން" ކަމަށާއި، އިދިކޮޅަކީ މިހާރުގެ ސަރުކާރު ކަމަށެވެ.