2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރެވޭނެ ގޮތް ވާނެ ކަމަށެވެ.
".އަޅުގަނޑުމެންގެ [އެމްޑީޕީގެ] ކެންޑިޑޭޓަކީ މުހައްމަދު ނަޝީދު. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އެންމެ ބޮޑު އުއްމީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތު ލިބުން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ޚިޔާލުތަފާތުވުންތައް ހުރި ކަމަށް ބުނެ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ދައްކަވާ ވާހަކަތަކަށް ވެސް ނިޒާރު ވަނީ ރޭގެ ޖަލްސާގައި ރައްދު ދެއްވާފައެވެ. ނިޒާރު ވިދާޅުވީ، ޚިޔާލު ތަފާތުވުންތައް ހުރި ވާހަކަ ސަރުކާރުގައި ހިމެނޭ ބޭފުޅުން ވިދާޅުވެ ދެއްވާކަށް ނުޖެހޭ ކަމަށާއި މަސައްކަތް ކުރައްވަނީ ޚިޔާލު ތަފާތުވުންތައް ހުރިކަން އެނގިވަޑައިގެން ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ވެސް އެނގޭ ކަމެއް ކަމަށެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، އިދިކޮޅު ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ވިސްނުން ހުރީ އެއް ދިމާއަކަށް ކަމަށާއި އެއީ ދިވެހި ދައުލަތް ސަލާމަތް ކުރުން ކަމަށެވެ.
މުޅި ދައުލަތް ފެއިލްވެފައިވާ ކަން ފާހަގަކުރައްވައި އިތުރަށް ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތުގެ އެންމެ ބޮޑު މަޤްސަދަކީ، ވެސް ދައުލަތް ސަލާމަތް ކުރުން ކަމަށެވެ.
"އެއީ މި ދައުލަތް ސަލާމަތް ކުރުން. މުޅި ދައުލަތް ފެއިލް ވެފައި ވަނީ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތަކާއި ހުރިހާ ތަނެއް ފެއިލްވެފައި ހުރީ(…) އެހެންވީމާ މިކަންކަން މިހެން ހުރީމާ މިކަމުން ސަލާމަތްވުން އެއީ އަޅުގަނޑުމެން ސިޔާސީ ޕާޓީތައް ގުޅިގެން މިކުރާ މަސައްކަތުގެ އެންމެ ބޮޑު މަގުސަދަކީ" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ، ރައީސް ޔާމީންގެ ކިބައިން ސަލާމާތް ވުމަށް ޤުރުބާން ސިޔާސީ ޕާޓީތަކުގެ ފަރާތުން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި ޕާޓީތަކުގެ ލީޑަރުންނަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގައުމާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނިންމެވުމަށް އެބޭފުޅުންގެ ސިޔާސަތުތަކާއި ފިކުރުތައް ގުރުބާން ކުރަންޖެހޭ ހާލަތުގައި އެކަން ވެސް ކުރައްވާނެ ބޭފުޅުން ކަމަށެވެ.