Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ކުޅިވަރު ކުރިއަރުވަން ކުރީގެ ތިން ކުޅުންތެރިޔަކު ރާއްޖެ އަށް

ދިވެހި ފުޓުބޯޅައާއި ޓޫރިޒަމް ކުރިއެރުވުމަށް ޕްރިމިއާ ލީގުގައި ކުޅުނު ކުރީގެ ތިން ކުޅުންތެރިޔަކު ރާއްޖެ އައުމަށް އެއްބަސްވެއްޖެއެވެ.

ރާއްޖެ އައުމަށް އެއްބަސް ވެފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރިއޯ ފާޑިނޭންޑާއި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑުގެ އިތުރުން ޗެލްސީގެ ރިކޯޑު ގޯލްސްކޯރާ، ފްރޭންކް ލަމްޕާޑްއެވެ.

ރާއްޖެއިން އީޔޫއާއި ބެލްޖިއަމް އަދި އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަހުމަދު ޝިޔާނާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ތިން ކުޅުންތެރިންގެ އިތުރުން ޕްރިމިއާ ލީގުގެ ތަރިން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފާޑިނެންޑާއި ޖެރާޑް އަދި ލަމްޕާޑް އަންނަ އަހަރު ކުރީކޮޅު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިޔާން ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ ޕާޓްނަރުން ހޯދުން ކަމަށާއި މިފަދަ ކަންތައްތަކަކީ ޚަރަދު ހިނގާނެ ކަންތައްތަކަށް ވުމުން އެފްއޭއެމުން އެމަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.

ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ތަރި ކާލޮސް ޕުޔޮލްވެސް ވަނީ ދާދިފަހުން ރާއްޖެ އައިސްފައެވެ. އަދި ޒަވީވެސް ގަތަރުގެ އަލް ސާދަށް ކުޅެމުން އަންނަނިކޮށް ރާއްޖެއަށް އައިސްފައިވެއެވެ. ދެކުޅުންތެރިންވެސް ވަނީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ވައުދު ވެފައެވެ.