ފުވައްމުލައް ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އަފުން ޓީމް ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު އަފުން ޓީމް ކާމިޔާބުކުރީ އެމްއެންޑީއެފާއި ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ސެޓު އަފުން ޓީމް ކާމިޔާބުކުރީ 25-19 ނެވެ.
ބިދޭސީ ކުޅުންތެރިޔަކާއި ނުލައި ކުޅުނު އެމްއެންޑީއެފުން ދެވަނަ ސެޓު ކާމިޔާބުކުރީ 22-25 ނެވެ. ރާއްޖޭގެ ބާރު ޖެހުންތެރިޔާ އިސްމާއިލް ސާޖިދާއި އިންޑިޔާގެ މަންދީދް ސިންގގެ ބާރު ހަމަލާތަކާއިއެކު އަފުން ޓީމުން ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 25-20 އަދި 25-21 ނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ އަފުން ޓީމުގެ އިސްމާއިލް ސާޖިދުއެވެ.
މުބާރާތުގައި ރޭ ކުޅުނީ އަންހެން ޑިވިޝަން މެޗެކެވެ. ދަނޑިމަގު ރަނިން އާއި މިސްކިތް މަގު އެންމެންގެ ގުޅުން ބައްދަލުކުރި މެޗް ސީދާ ތިން ސެޓުން ކާމިޔާބް ކުރީ ދަނޑިމަގު ރަނިން ޓީމެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަނޑިމަގު ރަނިން ޓީމްގެ ނިރްމަލާއެވެ.
މުބާރާތުގައި މިއަދު ހަވީރު ބައްދަލު ކުރާނީ މީދޫ ވޮލީ ޓީމާއި ނަގަންނަމަގޮ ޓީމެވެ. މިރޭ ކުޅޭ އަންހެން ޑިވިޝަން މެޗްގައި ވާދަ ކުރާނީ ދަނޑިމަގު ރަނިން އަދި ފްރެންޑްސް ކްލަބް ފުނާޑެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ މުބާރާތަކީ އަތޮޅު ތެރޭގައި މިހާރު ކުރިއަށްގެންދާ އެންމެ ފޯރިގަދަ އެއް ވޮލީބޯޅަ މުބާރާތެވެ. ޚާއްޞަކޮށް މާލެއިން ބޭރުގައި ބޭއްވޭ އެންމެ ފޯރިގަދަ މުބާރާތެވެ. މިމުބާރާތުގައި ވާދަކުރާ ޓީމްތަކަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނާއި، ޞަރަހައްދުގެ މޮޅު ކުޅުންތެރިން ކުޅެއެވެ. އަދި ޤައުމީ ޓީމްގެ ކޯޗުންނާއި، ބޭރުގެ ކޯޗުންވެސް އިރުޝާދު ފެނިގެންދެއެވެ