Last Updated: June 8, 19:00
Monday, June 8, 2026
ޚަބަރު

"ތިޔައީ ޒައީމޭ" ޖަހާކަށް އަދި ނުވޭ: އަލީ ވަހީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކޮށް ހަދާފައިވާ މަޝްހޫރު ލަވައެއް ކަމަށްވާ "ތިއީ ޒައީމޭ" އެމްޑީޕީ ހަރުގޭގައި ޖަހާތީ އެކަމާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

"ތިޔައީ ޒައީމޭ" ލަވަ އެމްޑީޕީ ހަރުގޭގައި ޖަހާ މައްސަލައިގައި އަލީ ވަހީދުގެ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ އޮންލައިން ނޫސް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި ތިޔައީ ޒައީމޭ" ލަވަ އެމްޑީޕީ ހަރުގޭގައި ޖަހާ ހިސާބަކަށް އަދި ނުދާ ކަމަށާއި އެ ލަވަ އެމްޑީޕީ ހަރުގޭގައި ޖަހާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

"އެމްޑީޕީގެ ހަރުގޭގައި 'ތިޔައީ ޒައީމޭ' ލަވަ ޖަހައި ނަށަން ޖެހޭ ފެންވަރަށް ދާން ޖެހޭ ކަމަށް އަޅުގަނޑު ނުދެކެން. އަޅުގަނޑު ހަމަ ހައިރާންވޭ އެމްޑީޕީގެ ހަރުގޭގައި ތިޔައީ ޒައީމޭ ޖަހަައި ނަށާ ހިސާބަށް ދިޔައިމަ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫނާއި މުހައްމަދު ނަޝީދު އެކައްޗެއް ވިދާޅުވާ ތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ތިއްބެވީ އެކުގައި ކަމަށް ދެކެވަޑައިނުގަންނަވާ ކަަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.