Last Updated: June 19, 21:49
Friday, June 19, 2026
ރިޕޯޓް

އިއްތިހާދުގެ ލީޑަރުން ހިމޭނުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު!

ފޮޓޯ: މިހާރު ނިއުސް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބްގައި ރައީސް އަބްދުﷲ ޔާމީން ބަލިކޮށްލަން އިދިކޮޅު ފަރާތްތަކުން ރަނގަޅު ފޯމިއުލާއެއް ހޯދާތާ ދުވަސްތަކެއް ވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީ އާއި ޖުމްހުރީ ޕާޓީ އަދި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނޭ ކޯލިޝަނުން ބުނަމުން ދަނީ ރައީސް އަބްދުﷲ ޔާމީން ފަސޭހަ ކަމާއި އެކު ބަލިކޮށްލާނެކަމަށެވެ. އިއްތިހާދު ލީޑަރުން ވިދާޅުވާ ގޮތުން ރައީސް ޔާމީން އިންތިހާބްގައި ވާދަވެސް ނުކުރާނެއެވެ. ޔާމީން ޖެހިވަޑައިގަންނަވާނީ ގައުމު ދޫކޮށް ފުރާ ވަޑައިގަންނަވާށެވެ. އެނޫން ގޮތެއް އެމަނިކުފާނަށް ނެތެވެ.

އިއްތިހާދުގެ ވާހަކަތަކަށް ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން ދަނީ ހޫނު ރައްދު ދެމުންނެވެ. ޔާމީން އާއި އެމަނިކުފާންގެ ސަޕޯޓަރުން ބުނަމުން ދަނީ އިންތިހާބްގެ ކުރިން އިއްތިހާދު ރޫޅި ފުނޑުފުޑުވެގެންދާނެ ކަމަށެވެ.

ރިޔާސީ އިންތިހާބްގެ ބަހުސް ހޫނުވެފައިވަނިކޮށް އަނެއްކާވެސް މިވަނީ އާ ވާހަކަތަކެއް ފެށިފައެވެ. އިނގިރޭސިވިލާތުގައި ހުންނަވައިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އެމެރިކާ އިން އިންޑިޔާ އާއި އެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާއަކަށް ވެގެންދާނީ އަންނަ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ގޮތް ވުން ކަމަށެވެ.

ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރިމަތިލައްވާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ޕްރައިމަރީއަކުން ކަމަށެވެ. ނަޝީދުގެ މި ވާހަކަފުޅު ތަކާއި އެކު އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދުކަމަށް ބުނަން ފަށާފައެވެ. ނަޝީދަކީ "މަގޭ ކެންޑިޑޭޓް"ގެ ގޮތުގައި ސޯޝަލް މީޑިއާގައި ބައެއް ސަޕޯޓަރުން ވަނީ ކެމްޕެއިން ފަށާފައެވެ.

އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭ ޖަލްސާތަކުގައި ވެސް އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަނީ ނަޝީދަކީ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައެވެ. ނަމަވެސް މިއީ ރަސްމީ ކަމެއްތޯ ނުވަތަ ނޫންތޯ ނިންމާނީ އިއްތިހާދުންނެވެ. ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ ނަޝީދަށް ކުރިމަތިލެވޭނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާޠިލްކޮށްގެންނެވެ. ނުވަތަ ޤާނޫނު އަސާސީއަށް ބަދަލު ގެނެސްގެންނެވެ. މި ދެގޮތުން ކުރެ ގޮތަކަށް ކަންތައް ވެގެން ދިއުމުގައި ވެސް މަޖިލިސް މުހިއްމެވެ.

އަނެއްކޮޅުން ބަލާއިރު، ނަޝީދަކީ އެމްޑީޕީގެ ކެންޑިޑޭޓެއްކަމަށް ނުވާނެކަމަށާއި އެފަދަ މާހައުލެއް ޕީޕީއެމްއިން ނުދޭނެކަމަށް އެޕާޓީން މިހާރުވެސް ބުނެފައެވެ. ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާ އިންތިހާބެއްގައި ނަޝީދަށް ވާދަ ކުރުމުގެ ފުރުސަތެއް ނުދޭނެކަމަށެވެ.

ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓްގެ ބަހުސް ކުރިއަށްދާ އިރު އެތައް ބަޔަކު މަޑުކޮށްލައިގެން ތިބީ އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކަށެވެ. އެ ބަހުސަށް ބެލުމެއް ނެތި، އެމްޑީޕީ މެންބަރުން ފާޅުގައި އެމީހުންގެ ކެންޑިޑޭޓަކީ ނަޝީދު ކަމުގައި ބުނަން މިވަނީ ފަށާފައެވެ.

އިއްތިހާދުގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް އަދި ވަކި ކެންޑިޑޭޓަކު ނެރެން ނިމިފައި ނުވާއިރު ނަޝީދަކީ އިކޮޅު ކެންޑިޑޭޓްގެ ގޮތުގައި ޕްރޮމޯޓް ކުރަން ފެށުމުން ދެންވާނީ ކިހިނެއް ހެއްޔެވެ؟ އިއްތިހާދު ރޫޅި ޕީޕީއެމްއިން ބުނާ ގޮތަށް ވެދާނެ ހެއްޔެވެ؟

އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ އެފަދަ ފުރުސަތެއް ނެތް ކަމަށާއި ލީޑަރުން ތިއްބެވީ ސިޔާސީ ފިކުރު ޤުރުބާން ކުރަން ތައްޔާރަށް ކަމަށެވެ.