އަނބިމީހާގެ ފަރާތުން ފަސް ލައްކަ ރުޕީސް ހޯދުމަށްޓަކައި އަމިއްލަ ދަރިފުޅު ކިޑްނެޕް ކުރި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
އިންޑިއާގެ ޗެންނާއި ގައި ދިރިއުޅެމުންދާ މި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބުދަ ދުވަހު އެވެ. ފުލުހުން ވަނީ އޭނާ އަކީ އުމުރުން 35 އަހަރުގެ ޕީ ރަވީ ކުމާރް ކަމަށް ބުނެފައެވެ.
ރަވީ ކުމާރް ބުދަ ދުވަހުގެ ހެނދުނު 10.30 ހާއިރު އޭނާގެ ފިރިހެން ދަރިފުޅު ގަނޭޝް ގޮވައިގެން ޕްލޭސްކޫލް އަށް ދާން ސައިކަލުގައި ގެއިން ނައްޓާލިއެވެ. އޭގެ ބައިގަޑިއިރު ފަހުން އޭނާ ވަނީ އަނބިމީހާ ތަމިލް އަށް ގުޅާފައި ގަނޭޝް ކިޑްނެޕްވެއްޖެ ވާހަކަ ބުނެފައެވެ. ރަވީ ތަމިލް ގާތު ބުނި ގޮތުގައި އޮޓޯއެއްގައި އައި ބަޔަކު ވަނީ އޭނާ އަށް ހަމަލާ ދިނުމަށްފަހު ގަނޭޝް ކިޑްނެޕް ކޮށްގެން ގެންގޮސްފައެވެ. އަދި ކިޑްނެޕްކުރި މީހުން ވަނީ ގަނޭޝްގެ ބަދަލުގައި ފަސް ލައްކަ ރުޕީސް އެމީހުންނަށް ދިނުމަށް އަންގާފައި ކަމަށްވެސް ރަވީ ބުނެފައި ވެއެވެ.
ކަންބޮޑުވެފައިހުރި ތަމިލް ވަނީ އޭނާގެ ގަހަނާ މޯގޭޖް ކުރުމަށްފަހު ގަނޭޝް ސަލާމަތް ކުރުމަށްޓަކައި ފަސް ލައްކަ ރުޕީސް ކައިރި ފިހާރައަކުން ހޯދާފައެވެ. އެ ފައިސާ ހޯދުމަށް ރަވީ ގެއައެވެ. އަދި ތަމިލް ރަވީއާއެކު ކިޑްނެޕްކުރި މީހުންނަށް ފައިސާ ދިނުމަށް ދާން އުޅުމުން ރަވީ ވަނީ އެމީހުން އޭނާ ގާތު ބުނީ އެކަނި އައުމަށް ކަމަށް ބުނެ އެކަން މަނާކޮށްފަ އެވެ.
އެހެންނަމަވެސް، ރަވީ ގާތު ނުބުނެ ތަމިލް ވަނީ ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ކޮށްފައެވެ. އެދުވަހު ރަވީ ވަނީ ފަހުން ގަނޭޝް އާއެކު ގެއަށް އައިސްފައެވެ. ކަން ހިނގި ގޮތުގެ ހަޤީގަތް ހޯދުމަށްޓަކައި ރަވީ ކުމާރް އާއި ސުވާލުކުރުމުން އޭނާ ވަނީ އެންމެ ފަހުން ހަޤީގަތް ކިޔައިދީފަ އެވެ.
ރަވީ ފުލުހުންނަށް މަޢުލޫމާތު ދިން ގޮތުގައި އޭނާ ގަނޭޝް ގެންދިޔައީ އޭނާގެ ރަހުމަތްތެރިޔާ ވޭނޫގެ ގެއަށެވެ. ފަހުން ފައިސާ ލިބުމުން އޭނާ ވަނީ އެ ފައިސާ އާނަންދް ކިޔާ މީހަކަށް ދިނުމަށްޓަކައި ވޭނޫ އަށް ދީފައެވެ.
ރަވީ ކުމާރް މި ޢަމަލު ހިންގާފައި ވަނީ އޭނާ އާނަންދް އަތުން ދަރަންޏަށް ނެގި ފައިސާ އަދާކުރުމަށްޓަކައި ކަމަށްވެސް އޭނާ ވަނީ ފަހުން ބުނެފައެވެ.