Last Updated: June 29, 02:00
Sunday, June 28, 2026
ދުނިޔެ

ޔަމަން ގައި ހަތް މިލިއަން މީހުން ހާލުގައި ޖެހިފައި: އދ

ޔަމަން އިން ދަނީ ފާއިތުވި އަހަރުތަކުގައި ދުނިޔެ ދެކެފައިވާ އެންމެ ބޮޑު ކާބޯތަކެތީގެ ތަދުކަމާއި ކުރިމަތިލަމުން ކަމަށް އދ ގެ ސީނިއަރ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ކާބޯތަކެތީގެ އެހީ އަވަހަށް ނުލިބިއްޖެނަމަ އެތައް މިލިއަން މީހުން މަރުވާނެ ކަމަށްވެސް އދ އިން ބުނެއެވެ.

އދ ގެ އިންސާނީ މައްސަލަތަކާއި ބެހޭ އަންޑާ-ސެކެޓްރީ ޖެނެރަލް މާކް ލޯކޮކް ވަނީ ސައުދީން އިސްނަގައިގެން ކުރިއަށް ގެންދާ ކޯލިޝަން އިން ޔަމަން އަށް އަޅަމުންދާ ދަތިރުކުރުމުގެ ފިޔަވަޅުތައް ހުއްޓާލުމަށް އެދިލައްވާފަ އެވެ.

ހޯމަ ދުވަހު ސައުދީގެ ކޯލިޝަން އިން ވަނީ ޔަމަން އަށް ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމުން ވެސް އެތެރެވުމުގެ ހުރިހާ މަގެއް ބަންދުކޮށްފަ އެވެ.

މިގޮތަށް ސައުދީން ކަންތައް ކޮށްފައި ވަނީ އެޤައުމުގެ ވެރިރަށް ރިޔާދް އަށް މިސައިލުގެ ހަމަލާއެއް ދިނުމުގެ ސަބަބުންނެވެ.

ސައުދި އަރަބިއާ އިން ބުނާގޮތުގައި ޔަމަން އަށް ވަދެނިކުތުމުގެ މަގުތައް ބަންދުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކަށް އިރާން އިން ހަތިޔާރު ފޮނުވުމުގެ މަގު ބަންދު ކުރުމުގެ މަޤްސަދުގައި ކަމަށެވެ.

އެހެންނަމަވެސް އިރާން އިން ވަނީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޮނުވާ ކަމަށް ސައުދީން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ޔަމަންގައި ކޮލެރާ ޖެހިފައިވާ 900،000 މީހުން ތިބިއިރު، އެމީހުންނަށް އެހީވުމަށްޓަކައި ރެޑް ކްރޮސް އިން ކްލޮރިން ބޭސް ފޯރުކޮށްދިނުމަށް ފޮނުވާ ޝިޕްމެންޓްތައް ވެސް ބްލޮކް ކޮށްފައިވާ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

އދ އިން ބުނާ ގޮތުގައި ޔަމަންގައި ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށް ވެފައިވާ ހަތް މިލިއަން މީހުން އެބަތިއްބެވެ. މިހާތަނަށް 8،670 މީހުން މަރުވެފައިވާއިރު، ޔަމަން އަށް ދިން އުދުވާނީ ހަމަލާތަކުގައި 49،960 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.