ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިއަށްގެންދާ "ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ޓޯނަމެންޓް"ގައި މިއަދު ފިރިހެން ޑިވިޝަންގެ ގްރޫޕް ބީގެ ފުރަތަމަ މެޗް ފަސޭހަ ކަމާއި އެކު މީދޫ ޓީމުން ކާމިޔާބްކޮށްފިއެވެ.
ފުވައްމުލަކު ނަގޮންނަމަގޮ ޓީމާއި ވާދަކޮށް މީދޫ ޓީމް މޮޅުވީ ސީދާ ތިން ސެޓުންނެވެ. މީދޫ ޓީމް ސެޓްތައް ގެންދިޔައީ 16،25، 19،25، 19،25 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަަށް ހޮވުނީ މީދޫ ޓީމްގެ މުރާދު ޖީހާންއެވެ.

މެޗަށް ފަހު މީދޫ ޓީމްގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ އިދިކޮޅު ޓީމްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ނުފެނުމުން މެޗް ނިމިގެން ދިޔައީ އާދައިގެ ކޮށްކަމަށެވެ. ނަމަވެސް ހިތް ހަމަޖެހޭ ވަރުގެ ކުޅުމެއް ކުޅެވުނު ކަމަށް ކާއްޓޭ ބުންޏެވެ.

މުބާރާތުގައި މިރޭ ކުޅޭނީ އަންހެން ޑިވިޝަން މެޗެކެވެ. ބައްދަލު ކުރާނީ ދަނޑިމަގު ރަނިން އަދި ފްރެންޑްސް ކްލަބް ފުނާޑެވެ.

ފިރިހެން ޑިވިޝަން ގައި މާދަމާ ހަވީރު ބައްދަލު ކުރާނީ އަފުން ޓީމް އަދި ނެރެގަޑޮ ޓީމެވެ.