ގްލޯބަލް ލިންކްސް ޗެލެންޖްގައި ނުވަ ކުޅުންތެރިންނާއި ދެކޮޅަށް މަރަދޫ ޔުނައިޓެޑް ކުޅެ 1-0 ލަނޑުން މޮޅުވެއްޖެއެވެ.
މުބާރާތުގެ ދެވަނަ މެޗްގައި ދިފޭދޫ އަތުން 6-1 ލަނޑުން ބަލިވި މަރަދޫ ޔުނައިޓެޑް އަށް އިއްޔެގެ މެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ވަނީ ބޭކާރުވެ ގޮސްފައެވެ.
ފުރަތަމަ ހާފް ނިމެން އުޅެިނކޮށް މަރަދޫ ޔުނައިޓެޑްގެ ޖޯޒީ ނަންބަރު 7 މުހައްމަދު ނިހާދު ވަނީ މެޗްގެ ހަމައެކަނި ލަނޑު ޖަހާފައެވެ.
ރިވަރިން ސްޕޯޓްސްގެ ދެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމާއި ގުޅިގެން މެޗްގެ ބޮޑުބައި ރިވަރިން އިން ކުޅެފައިވަނީ 9 ކުޅުންތެރިންނާއި އެކުއެވެ. ނަމަވެސް އެޓީމުންވެސް ރަނގަޅު ފުރުސަތު ލިބި ވަނީ ބޭކާރުވެ ގޮސްފައެވެ.
މެޗަށް ފަހު ރިވަރިން ސްޕޯޓްސްގެ ކޯޗު މުސްތަންސިރު މުސްތަފާ(ސިރު) ބުނީ 9 ކުޅުންތެރިންނާއި އެކު ކުޅެ ނެރެވުނު ނަތީޖާއާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. ސިރު ބުނީ މެޗްގައި ރިވަރިންއަށް ނަސީބުވެސް ދެރައީކަމަށެވެ.
"ދެން އޮތީ އެމްސީ ޔުނައިޓެޑް މެޗް. އެމެޗާއި މެދު މިހާރު ވިސްނަނީ. އެ މެޗުން މޮޅުވާނަން" ސިރު ބުންޏެވެ.
މަރަދޫ ޔުނައިޓެޑްއިން ބުނީ ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ހިފުނު ނަމަ މުބާރާތަށް އެބުރި މުޅިން އާދެވުނީ ކަމަށެވެ.
"ކުރީ ދުވަހު ބައިކޮޅަށް ވަން ލަނޑުގެ ބަދަލުގައި މިއަދު އެބައި ފުބެއްދޭ ވަރަށް ޗާންސް ލިބި ވަނީ ބޭކާރުވެ ގޮސް" ކޯޗު ބުންޏެވެ. އޭނަ ބުނީ މަރަދޫ ޓީމުގެ ވަކި ވަކި ކުޅުންތެރިން މޮޅު ނަމަވެސް އަދިވެސް ޓީމެއްގެ ގޮތުގައި އެންމެ ރަނގަޅަށް ޕާރފޯސް ނުކުރެވޭ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ޔަޝީ މެޗަށް ވަރަށް ތައްޔާރުވާނެކަމަށް ކޯޗު ބުންޏެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަރަދޫ ޔުނައިޓެޑްގެ މުހައްމަދު ނާދިރު (ޗިޅާ ޖ3)އެވެ. މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ އެމްސީ ޔުނައިޓެޑް އަދި ދިފޭދޫއެވެ.