Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ނަޝީދާ ސައްލާ ކުރަން މައުމޫން ލަދު ގަންނަން ޖެހޭ: ނިހާން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި އެކު ރައީސް މައުމޫން މަސައްކަތް ކުރައްވައި ސައްލާ ކުރައްވަން ލަދު ގަންނަން ޖެހޭކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ނިހާނު ވިދާޅުވީ 1988 ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އަކީ ނުވާކަމެއް ކަމަށް ހަދަން އެމްޑީޕީން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ހަމަލާގައި ބައިވެރިވި ފަރާތްތަކަށް އެމްޑީޕީން މަތީ މަގާމު ދީފައިވާކަމަށެވެ.

ނިހާނު ވިދާޅުވީ ނަޝީދުގެ ސަރުކާރުން އެދުވަހުގެ އުދުވާނީ ހަމަލާގެ މޭސްތިރި އަބްދުﷲ ލުޠުފީ ލަންކާއަށް ފޮނުވާފައިވާ ކަމަށެވެ.

މައުމޫނާއި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އެދުވަހުގެ ހަމަލާގައި ރައީސް މައުމޫން ފިއްލެވިކަމަށް ނަޝީދު ދައްކަވާ ވާހަކައަކީ ހަގީގަތެއްކަމަށް އިއްތިރާފް ވެވަޑައިގެންނެވީތޯއެވެ.

"ރައީސް މައުމޫން ހަމަ ސީރިއަސްކޮށް ގަބޫލުފުޅު ކުރައްވަނީތޯއޭ އެ ދުވަހުގެ ރޭގައި ތިމަން މަނިކުފާނު އެ ރޭގައި ދޮންނަ މެޝިނެއްގެ ފޮށިގަނޑެއްގައި އޮންނެވި ބޭފުޅެއް ކަމަށް؟."

ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ސުވާލު ކުރެއްވި އެވެ.

ނަޝީދަކީ އެކި ގޮތް ގޮތުން ގައުމަށް ގެއްލުން ދޭ ބޭފުޅެއްކަމަށް ވިދާޅުވަމުން ނިހާނު ވިދާޅުވީ މައުމޫން ނަޝީދު އާއި އެކު މަސައްކަތް ކުރައްވަން ލަނދު ގަންނަން ޖެހޭނެކަމަށެވެ.