ރައީސް އަބްދުﷲ ޔާމީން އަކީ "ރަނެއް މަލެއް" ފަދަ ރައީސެއް ކަމަށާއި އެމަނިކުފާނަށް ކިޔަމަންވުމަކީ މިއަދު ދިވެހިންގެ މައްޗަށް ލާޒިމް ކަމެއް ކަމުގައި އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.
"އަސްތާ"ގެ ނަމުގައި ޕީޕީއެމުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ ސައްޙަ އަޤީދާގެ މަތީގައި ކަމަށާއި އެއީ އަހުލުއްސުންނަތް ޖަމާޢަތުގެ ބޭފުޅެއް ކަމަށެވެ.
"އެމަނިކުފާނަކީ ސައްހަ އަޤީދާގެ މަތީގައި ހުންނެވި، އަހުލުއްސުންނަތު ޖަމާޢާތުގައި ހުރި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެކޭ ތިޔައިން ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމްވެޔޭ މިއަދު ރައީސުލްޖުމްހޫރިއްޔާ އަށް ކިޔަމަންވާން" މައުރޫފް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ރައީސް ޔާމީން ގައުމަށް ވަފާތެރިކަމާ އެކު މަސައްކަތް ކޮށްދެއްވާތީ އެމަނިކުފާނު އަވަހާރަކޮށްލަން ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ، ދިވެހި އާއްމު ރައްޔިތުންގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ވެސް ރައީސް ޔާމީންގެ އިގްތިސާދީ މަސައްކަތަށް ތާއީދުކޮށް އެމަނިކުފާނަކީ "އިގްތިސާދީ މާހިރެއްކަން" ގަބޫލު ކުރާ ކަމަށެވެ. އެ ވިޔަފާރިވެރިން ކަމުގައި މައުރޫފް ވިދާޅުވީ، ޗަމްޕާ އަފީފް އާއި ޔުނިވާސަލް ގްރޫޕެވެ.