މި ދުވަސްކޮޅު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚުގައި އެންމެ ހިނގާ ވާހަކަ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެތޯ ކުރެވޭ ސުވާލެކެވެ.
ދިވެހިރާއްޖޭގެ ޤާނޫނުތައް ހުރި ގޮތުން، ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލް ނުކުރަނީސް، ނުވަތަ ޤާނޫނު އަސާސީ އަށް ބަދަލު ނުގެނެސް އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެ ގޮތެއް ނެތެވެ. މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކާއި ސަރުކާރު ގުޅިގެން ރައްޔިތުންގެ މަޖިލިސް ތެރެއިން ހެދި ސިޔާސީ ޑީލްތަކުގައި ޤާނޫނު އަސާސީ އަށް ބަދަލު ގެނެސްފައިވާއިރު އެއީ ނަޝީދަށް ކުރިމަތިލެވޭ ގޮތަށް ހެދުމަކީ އެއީ ނުވާނެ ކަމެއް ކަމުގައި ބެލެވޭކަށް ނެތެވެ.
މިކަންތައް މިހެން ހުރި އިރު، އެމްޑީޕީގެ އިސްބޭފުޅުންނާއި އާންމު މެންބަރުން ވެސް ވަރަށް ޔަޤީން ކަމާއި އެކު ރައީސް ނަޝީދަށް 2018ގެ އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށް ބުނަން ފަށާފައެވެ. އެމްޑީޕީގެ މެންބަރުން މިގޮތަށް ވާހަކަ ދައްކަން ފަށާފައި ވަނީ، އެމެރިކާއިން އިންޑިއާއާ އެކުކުރާ މަޝްވަރާތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވޭނެ ގޮތްވެގެން ދާނެ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.
އެހެން ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ޕީޕީއެމްގެ މަޖިލިސް މެންބަރުން ގެންދަނީ ވިދާޅުވަމުންނެވެ. ޕީޕީއެމްގެޕީޖީ ލީޑަރު ނިހާން ވިދާޅުވެފައި ވަނީ، އެމެރިކާ އަދި އިންޑިއާއިން ބޭނުންވިޔަސް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ނޯންނާނެ ކަމަށެވެ.
ނަޝީދުގެ ނަންފުޅު ނޯންނާނެ ކަމަށް ޕީޕީއެމްގެ އިސްބޭފުޅުންނަށް ޔަޤީންކަން އޮންނެވި ނަމަވެސް، ފާޢިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޓީވީތަކުގައި އަދި ޖަލްސާތަކުގައި ވެސް ދައްކަވާ ވާހަކަތައް މުޅިން ވެސް އަމާޒުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. ޕީޕީއެމްގެ މެންބަރުންގެ އިތުރުން ރައީސް ޔާމީން ވެސް ގެންދަވަނީ ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންނެވެ..
ރިޔާސީ އިންތިޚާބަށް 9 މަސް ދުވަހަށް ވެފައިވާއިރު، އިންތިހާބުގައި ވާދަ ނުކުރެވޭ މީހަކާއި ދެކޮޅަށް ޕީޕީއެމްގެ ހުރިހާ "ހަތިޔާރެއް" ބޭނުންކޮށްގެން ބަހުގެ ހަމަލާތައް ރައްދު ކުރުމަކީ، ސިޔާސީ ގޮތުން ބަލާއިރު ޕީޕީއެމަށް ކުރެވޭ ބޭކާރު ކަމެކެވެ.
ފާއިތުވި 2013ގެ އިންތިޚާބުގައި ވެސް ނަޝީދަށް ވާދަނުކުރެއްވޭނެ ކަމަށް ސިޔާސީ ފަރާތްތަކުން ވާހަކަ ދެއްކިއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންނެވެ. ނަޝީދުގެ ނަންފުޅު 2018ގެ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީ އެބޭފުޅުންނެވެ.
ސިޔާސީ މަސްރަޚުގައި ވަކި މީހަކަށް އަމާޒުކޮށް ޕާޓީއަކުން ބަހުގެ ހަމަލާތައް ރައްދުކުރަން ފަށަނީ އެއީ ސިޔާސީ ގޮތުން "ނުރައްކަލެއް" ކަމުގައި ބެލެވޭތީއެވެ. ޕީޕީއެމްގެ ފަރާތުން ފެނިގެންދަނީ އެ މަންޒަރުތަކެވެ.
މަގުގައި ފެންބޮޑުވިޔަސް ކުށްވެރިޔަކީ ނަޝީދެވެ. ކާޑުގެ އަގު ބޮޑު ވިޔަސް ނަޝީދެވެ. ފެނުގެ އަގު ތިރިކުރުމަށް ވެސް އޮތް ހުރަހަކީ ނަޝީދު ކަމުގައި ކުއްލިއަކަށް ވެއްޖެއެވެ. ކޮންމެ ތަނަކުން ވެސް އަދި ކޮންމެ ދިމާލަކުން ވެސް ސަރުކާރުގެ އިސްވެރިންނަށް ނަޝީދަކީ "ނުރައްކަލެއް" ކަމުގައި ފެންނަން މިވަނީ ފަށާފައެވެ.
ރިޔާސީ އިންތިޚާބަށް 9 މަސް ދުވަހަށް ވެފައިވާއިރު، ނަޝީދަށް ކުރިމަތި ނުލެއްވޭކަން ކަށަވަރު ވަންޏާ ބޮޑެތި ޖަލްސާތައް ބާއްވައި ހަމައެކަނި ނަޝީދަށް ބަހުގެ ހަމަލާތައް ފޮނުވަންވީ ކީއްވެގެން ހެއްޔެވެ؟ ރައީސް ޔާމީން ހޮވިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ޕީޕީއެމް އަށް އޮތް ނަމަ "އަސްތާ"ގެ ނަމުގައި ބިޔަ ބޮޑު ޖަލްސާއެއް ބޭއްވުމަށް ފަހު ނަޝީދު އަށް ބަހުގެ ހަމަލާތައް ދެއްވީ ކީއްވެގެން ހެއްޔެވެ؟
މި ސުވާލުތަކުގެ ޖަވާބަކީ، 2018ގެ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދޭން ސަރުކާރަށް ވަކި ހިސާބަކުން މަޖުބޫރުވާނެ ކަމަށް ޕީޕީއެމުން ވެސް ޤަބޫލުކުރުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަން ސާފުވެގެން ދާނެއެވެ.