Last Updated: June 29, 02:00
Sunday, June 28, 2026
ދުނިޔެ

އަންހެން ފާދިރީއަކު ރޭޕްކުރި މީހަކު އުމުރަށް ޖަލަށް

2015 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެން ފާދިރީއަކު ރޭޕްކުރިކަން ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކު އުމުރު ދުވަހަށް ޖަލަށް ލުމަށް އިންޑިއާގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

ކޮލްކަތާގެ ކޯޓުން ވަނީ ނަޒްރުލް އިސްލާމްގެ މައްޗަށް ރޭޕް އާއި ގަސްތުގައި މީހަކު މަރަން އުޅުނުކަމުގެ ތުހުމަތުތައް ސާބިތުވާކަމަށް ކަނޑައަޅާފައެވެ.

ހަމަ މި މައްސަލާގައި ވައްކަން ކުރި ކަމުގެ ތުހުމަތުގައި އިތުރު ފަސް ފިރިހެނަކު ވެސް ވަނީ 10 އަހަރަށް ޖަލަށް ލާފައެވެ. މީގެ އިތުރުން މި ޢަމަލުތައް ހިންގި ފިރިހެނުންނަށް އެހީތެރިވެދިނުމުގެ ސަބަބުން އިތުރު ފިރިހެނަކު ވެސް ހަތް އަހަރަށް ޖަލަށް ލާފައެވެ.

އުމުރުން 71 އަހަރުގެ އަންހެން ފާދިރީއަށް އެމީހުން ހަމަލާދީފައި ވަނީ ވަގުންތައް އޭނާގެ ކޮންވެންޓް އަށް ވަނުމަށްފަހު އެވެ.

އެމީހުން ވަނީ ފައިސާގެ އިތުރުން އެހެނިހެން ބައެއް ތަކެތި ވެސް އެތަނުން ވަގަށް ނަގާފައެވެ. މި މައްސަލައާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ބޮޑެތި މުޒާހަރާތަކެއް ވެސް ވަނީ ބާއްވާފައެވެ.

މި ހާދިސާގެ ޝިކާރައަކަށްވި ފާދިރީ އަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކޮންވެންޓް އޮފް ޖީސަސް އެންޑް މޭރީ ގައި އޭނާ ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އެއަށްފަހު އޭނާ ވަނީ ހުޅަނގު ބެންގާލް ދޫކޮށް ގޮސްފައެވެ.