"ސްޓާ ވޯސް"ގެ އާ ތިން ފިލްމެއް އުފައްދާނެކަމަށް ވޮލްޓް ޑިޒްނީ އިން އިއުލާންކޮށްފި އެވެ.
ޑިޒްނީ އިން ބުނާ ގޮތުގައި އެކުންފުނިން ވަނީ ރައިއާން ޖޯންސަން އާއިއެކު ސްޓާ ވޯސްގެ މުޅިން އާ ޓްރައިލޮޖީ އެއް އުފެއްދުމަށްޓަކައި އެއްބަސްވެފައެވެ.
ރައިއާން ޖޯންސަން އަކީ އަންނަ ޑިސެމްބަރު މަހުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ސްޓާ ވޯސް: ދަ ލާސްޓް ޖެޑާއި" ގެ ޑައިރެކްޓަރެވެ.
މީގެ އިތުރުން ޑިޒްނީ އިން ދަނީ އޮންލައިންކޮށް ސްޓްރީމް ކުރެވޭ ޚިދުމަތަކަށްޓަކައި ލައިވް-އެކްޝަން ސްޓާ ވޯސް ސީރީސް އެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މި ވާހަކަ ޑިޒްނީ އިން ހާމަކޮށްފައިވާއިރު، އެކުންފުނީގެ ފައިދާތައް ވަނީ 4% އަށް ދަށްވެފައެވެ. އެހެންނަމަވެސް އާ "ސްޓާ ވޯސް" ފިލްމްތަކުގެ ޚަބަރު އިއުލާންކުރުމާއެކު ޑިޒްނީގެ ފައިދާތައް ވަނީ އަނެއްކާ 1% މައްޗަށް ގޮސްފައެވެ.
ޑިޒްނީ އިން ދަނީ އީއެސްޕީއެން+ ގެ ނަމުގައި ކުޅިވަރަށް ޚާއްސަ އެޕްލިކޭޝަން އަކާއި 2019 ވަނަ އަހަރުގައި ޑިޒްނީގެ ސްޓްރީމިން ޚިދުމަތެއް ލޯންޗް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.