Last Updated: June 29, 02:00
Sunday, June 28, 2026
ޚަބަރު

ޕްރިންސް ނާއިފްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

ފޮޓޯ: ރޮއިޓާސް

ސައުދި އަރަބިއާގެ ކުރީގެ ވަލީއަހުދު މުހައްމަދު ނާއިފްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި އެވެ.

އެޤައުމުން ކޮރަޕްޝަނާ ދެކޮޅަށް އަޅަންފަށާފައިވާ ފިވަޔަވަޅުތަކުގެ ދަށުން، މިހާރުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަލް ސައުދު އުފައްދަވާފައިވާ ކޮމެޓީން ވަނީ މިހާތަނަށް 11 ޕްރިންސުންނާއި ހަތަރު މިނިސްޓަރުން ހައްޔަރު ކޮށްފައެވެ.

އޭގެ ތެރޭގައި ގިނަ ބަޔަކު ދަންނަ ބިލިއަނަރެއް ކަމަށްވާ ޕްރިންސް ވަލީދް ބިން ތަލާލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ނާއިފްގެ އިތުރުން އޭނާގެ އާއިލާގެ އެކިއެކި ބޭފުޅުންގެ ބޭންކް އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފަ އެވެ.

މީގެ ކުރިން ސައުދީގެ ރަސްގެފާނު ސަލްމާން އަވަހާރަވުމުން ވެރިކަން ވާރުތަވާގޮތަށް އޮތީ ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ ޕްރިންސް ނާއިފް އަށެވެ. އެހެންނަމަވެސް މިދިޔަ ޖޫން މަހު ކުއްލި ގޮތަކަށް ނާއިފް މަޤާމުން ދުރުކުރެއްވުމަށްފަހު ރަސްގެފާނުގެ އަމިއްލަ ދަރިކަލުން މުހައްމަދު ބިން ސަލްމާން ވަނީ ވަލީއަހުދު ކަމަށް އިސްކުރައްވާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސައުދީން ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅުތައް އަޅަން ފެށި ފަހުން 1700 އަށްވުރެ ގިނަ ބޭންކް އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ.