Last Updated: June 8, 19:10
Monday, June 8, 2026
ޚަބަރު

ހަޒާޑް ގެންދަން ރެއާލުން މަސައްކަތް ފަށައިފި

ޗެލްސީގެ ތަރި އެޑެން ހަޒާޑް ގެނައުމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މަޝްހޫރު ބައެއް ކުޅިވަރު ވެބްސައިޓް ތަކުގައި ރިޕޯޓްކޮށްފިއެވެ.

އެގޮތުން "އީއެސްޕީއެން" ގައި ބުނެފައިވާ ގޮތުން ކިތަންމެ ބޮޑު އަގެއް ދީފައިވިޔަސް ހަޒާޑް ގެނައުމަށް ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށެވެ.

އިނގިރޭސި ޕްރިމިއާލީގް ގައި ކުޅެމުންދާ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަޒާޑް ގެންދިއުމަށް ޝައުގުވެރިވާކަން މީގެ ކުރިން ވެސް ރެއާލް އިން ވަނީ ހާމަކޮށްފައެވެ.

ރެއާލް އިން ކިތަންމެ މަސައްކަތް ކުރި ނަމަވެސް ޗެލްސީގައި މުހިއްމު ދައުރެއް އަދާކުރާ ހަޒާޑް ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ. އެހެން ނަމަވެސް މީގެ ކުރިން ހަޒާޑް ވަނީ ރެއާލް އަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ.

އަދި ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ހޯދަމުން އަންނަ ކާމިޔާބީއަކީ އެހެން އެއްވެސް މީހަކަށް ނުހޯދޭނެ ކާމިޔާބެއް ކަމަށާއި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗުގެ މަގާމަށް ޒިދާންއަށް އާދެވުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށް ހަޒާޑް މީގެ ކުރިން ބުނެފައި ވެއެވެ.

2012 ވަނަ އަހަރު ފްރާންސްގެ ލިލޭއިން ޗެލްސީއަށް ބަދަލުވުމަށް ފަހު ހަޒާޑް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާވަނީ ޗެލްސީއަށް ކުޅުނު 182 މެޗުގައި 58 ލަނޑު ޖަހާފައެވެ.