Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

800 ބިލިއަން ޑޮލަރުގެ މުދާ ސައުދީ ބިލިނަރުން ބޭރު ކުރަނީ

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާލް ސައުދު އިިސްވެހުންނަވައިގެން އުފައްދަވައިފައިވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކޮމެޓީން 11 ޕްރިންސަކާއި ހަތަރު މިނިސްޓަރެއް ހައްޔަރުކޮށް 1700 އަށްވުރެގިނަ ބޭންކް އެކައުންޓް ފްރީޒް ކުރުމާއި ގުޅިގެން ސައުދީގެ ބިލިނަރުންގެ މިލްކިއްޔާތު އެގައުމުން ބޭރުކުރުމުގެ މަސައްކަތް އެފަރާތްތަކުން ފަށައިފިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްކަމަށް ބުނެ މިހާތަނަށް 200 އަށްވުރެ ގިނަ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތްތަކާއި ވިޔަފާރިވެރިން ސައުދީގައި ވަނީ ހައްޔަރުކޮށްފައެވެ. އެހެންކަމުން ސައުދީގެ ވިޔަފާރިކުރާ މުއްސަނދި އާއިލާތަކުން މިހާރުވަނީ ބޭންކުތަކާ އެސެޓް މެނޭޖްމަންޓް ކުންފުނިތަކާ ވާހަކަ ދައްކައިގެން އެފަރާތްތަކުގެ މިލްކިއްޔާތުގައިވާ 800 ބިލިއަން ޑޮލަރަށްވުރެ ގިނަ މުދަލާއި ފާއިސާ ސަލާމަތްކުރުމަށް އެގައުމުން ބޭރުކުރުމުގެ މަސައްކަތް ފަށާފައެވެ.

ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 208 މީހަކާ ސުވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސައުދީގެ އެޓާނީ ޖެނެރަލް ވަނީ ބުނެފައެވެ. އަދި މިދިޔަ 10 ވަރަކަށް އަހަރުތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަދަދު އެތައް ސަތޭކަ ބިލިއަން ޑޮލަރަކަށް އަރާނެކަމަށް އެޓާނީޖެނެރަލް ބުނެފައިވެއެވެ.

ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިިސްވެހުންނަވައިގެން އުފައްދަވާއިފައިވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޓީއިން ކުރާ މަސައްކަތަކީ ވެރިކަމުގެ ނިޒާމުގައި މުހައްމަދު ބިން ސަލްމާން އަށް ނުރައްކާ ކޮށްފާނެ އެންމެން ބަލިކަށިކުރުމަށް ހިންގާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

މިހާރު ހައްޔަރުކޮށްފައިވާ ޕްރިންސުންގެ ތެރޭގައި ބިލިއަނަރު ވަލީދު ބިން އަލް ތަލާލް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ވަލީދަކީ މިހާރު ވެސް ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެޕަލް، ސިޓީ ގްރޫޕް، ޓްވެންޓީ ފަސްޓް ސެންޗަރީ އަދި ޓްވިޓާގައި ހިއްސާ އޮންނާ ބޭފުޅެކެވެ.

ސަލްމާން ރަސްގެފާނު އަވަހާރަވުމަށް ފަހު ވެރިކަން ވާރުތަވާގޮތަށް ކުރިން އޮތީ ރަސްގެފާނަށް ބޮޑުބޭބޭ ކިޔާ ޕްރިންސް ނާއިފްގެ އަތްމައްޗަށެވެ. ނަމަވެސް މިދިޔަ ޖޫން މަހު ކުއްލި ގޮތަކަށް ވަނީ ނާއިފް މަގާމުން ދުރުކުރެއްވުމަށްފަހު ރަސްގެފާނުގެ އަމިއްލަ ދަރިފުޅު މުހައްމަދު ބިން ސަލްމާން ވަލީއަހަދު ކަމަށް އިސްކުރައްވައިފައެވެ. އޭގެ ފަހުނމް ޕްރިންސް ނާއިފްގެ އެއްވެސް ހިލަމެއް ނުވެއެވެ. މީގެއިތުރުން ދާދި ފަހުން ހެލިކޮޕްޓަރެއް ވެއްޓި ޕްރިންސް މަންސޫރު ބިން މުގްރިން އަލް ސައުދުވެސް ވަނީ އަވަހާރަވެފައެވެ.

މިހުރިހާ ކަމެއްގައި މިހާރުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނުގެ އަތެއް ވާނެކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ވަލީއަހުދު މުހައްމަދު ވަނީ ސައުދީ ވެރިކަމުގެ ނިޒާމުގެ އެންމެހައި ބާރުތައް އެމަނިކްފާނުގެ ކޮންޓްރޯލްގެ ދަށަށް މިހާރު ގެނެސްފައެވެ.