Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

"ޕީޕީއެމް މަޖިލިސް މެމްބަރުން ދިން ހަމަލާ ނޮވެމްބަރު 3 އަށް ވުރެ ބޮޑު"

ޕީޕީއެމް މަޖްލިސް މެމްބަރުން ގައުމަށް ދިން ގެއްލުން ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާއަށް ވުރެ ބޮޑުކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް މަޖްލިސް މެމްބަރުން އޭޓީއެމް މެޝިން ފަހަތުން ގޯތި ގަނެ، މުދާ ވެރިންނަށް ވެއްޖެކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން މުއްސަދިވީ ދަރަނިން ކަމަށެވެ.

ޑރ. ޖަމީލް މަގާމުން ދުރުކޮށް ގެނައި ނައިބް ރައިސް އަހުމަދު އަދީބްއަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރ ކޭކު ކޮޅެއް ދެއްވަން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާއި އެކު ޖަމީލް ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ގައުމަށް ދިން ގެއްލުން މާ ބޮޑު ކަމަށެވެ.

ސަރުކާރުން ވަނީ ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާގެ ހަދާނުގައި ހާއްސަ ޖަލްސާއެއް ރޭ ބާއްވާފައެވެ. ރޭގެ ޖަލްސާގައި މަޖްލިސް މެމްބަރުންނާއި ސަރުކާރަށް ތާއިދުކޮށް ހަފްލާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވަނީ ކުރީގެ ރައީސް ނަޝީދާއި ގުޅުވައިގެން ނޮވެމްބަރ 3ގެ ހަމަލާގެ ވާހަކަ ދައްކަވައި ފާޑު ވިދާޅުވެފައެވެ.