Last Updated: May 1, 20:45
Thursday, May 2, 2024
ޚަބަރު

ލަންކާއިން ގައުމެއްގެ ވެރިކަން ވައްޓާލާކަށް އެހީއެއް ނުވާނެ: ނަމަލް

ރާއްޖޭގެ ގާނޫނީ ވެރިކަން ވައްޓާލުމަށް އަޑީގައި އޮތީ ލަންކާ ސަރުކާރުކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު ރިޔާޒު ރަޝީދު ތުހުމަތުކޮށް ދެއްކެވި ވާހަކަފުޅުތަކާއި މެދު ކަންބޮޑުވާކަމަށް ލަންކާގެ ކުރީގެ ރައީސް ރަޖަޕަކްސާގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރ ނަމަލް ރާޖަޕަކްސާ ވިދާޅުވެއްޖެއެވެ.

ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަން ވައްޓާލަން ލަންކާ އަޑީގައި އޮތްކަމަށް ކުރެއްވި ތުހުމަތާއި މެދު ވަރަށް ކަންބޮޑުވާ ކަމަށާއި ލަންކާއިން އެއްވެސް ގައުމެއްގެ ވެރިކަން ބަދަލު ކުރުމަށް އެހީތެރި ނުވާނެކަމަށާއި އެ ޕޮލިސީ ބަދަލުވެފައި ނުވާކަމަށެވެ.

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަދި ބައެއް ވަޒީރުން ޓެގް ކުރައްވައި ނަމަލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސްރީލަންކާއިން ދުވަހަކުވެސް ގައުމެއްގެ ވެރިކަން ވައްޓާލަން މަސައްކަތް ނުކުރާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވާ އަސްތާ ޖަލްސާގެ މައުލޫމާތު މީޑިއާ ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސް ކޮންފަރެންސްގައި ރިޔާޒު ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލު ކުރުމުގައި އިދިކޮޅު ފަރާތްތަކަށް އެހީތެރިވަނީ ލަންކާ އަޑީގައި އޮވެގެން ކަމަށެވެ.

ރިޔާޒު ތުހުމަތު ކުރެއްވި ގޮތުގައި ލަންކާއިން ބޭނުވަނީ އެގައުމުގައި މީގެ ކުރިން އޮތް ދާހިލީ ހަގުރާމަ ފަދަ ހަމަ ނުޖެހުމެއް ރާއްޖޭގައި ހިންގުމެވެ.

ރިޔާޒުގެ މިތުހުމަތުގެ ވާހަކަތައް ފާއިތުވި ދެތިން ދުވަހު ވަނީ ލަންކާގެ ބޮޑެތި ނޫސްތަކަށް އަރާފައެވެ. ނަމަވެސް މިކަމާއި ލަންކާ ސަރުކާރުން އަދި ރަސްމީކޮށް ވާހަކަ ނުދައްކަވައެވެ.