މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ދޫކުރި ފަޅު ރަށްތަކަށް ލިބެން ޖެހޭ އެއްވެސް ފައިސާއަކަށް ހިޔާނާތްތެރި ނުވާކަމަށާއި ނަމަވެސް އެމްއެމްޕީއާރްސީއަށް ލިބުނު 357 މިލިއަން ރުފިޔާ (23 މިލިއަން ޑޮލަރު) ގެ ޗެކް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދި ނައިބް ރައީސް އަހުމަދު އަދީބް އާއި ހަވާލު ކުރިކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ފަރާތުން ކޯޓުގައި ބުނެފިއެވެ.
އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވީކަމަށް ބުނެ ދައުލަތުން ޒިޔަތާއި ދެކޮޅަށް ހުށަހަޅާފައިވާ 30 ދައުވާގެ ތެރެއިން މިއަދު ކުރިއަށް ގެންދިޔަ 15 ދައުވާގެ އަޑުއެހުން މިއަދު ވަނީ ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.
މިއަދުގެ އަޑުއެހުމުގައި ޒިޔަތުގެ ގާނޫނީ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އާއި ޒިޔަތު ހަވާލުވިކަމަށެވެ. ނަމަވެސް އެ ހުރިހާ ފައިސާއެއް ހަވާލުކުރީ އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބް އާއި ކަމަށެވެ.
ދައުލަތުން ޒިޔަތު އާއި ދެކޮޅަށް ހުށަހެޅި 15 ދައުވާއަށްވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ. ދައުލަތުން ވަކިވަކިން ހުށަހެޅި މައްސަލަތަކުގެ ފައިސާގެ އަގު 23 މިލިއަން ޑޮލަރަށް އަރައެވެ.
ޒިޔަތުގެ ފަރާތުން ވަކީލް ޔާމީން ވިދާޅުވީ އެފައިސާތައް ޖަމާކޮށްފައިވަނީ އެސްއޯއެފްގެ އެކައުންޓަށް ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އެމްއެމްޕީއާރުސީން ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާ ބޯޑް ރިޒޮލޮޝަނާއިވެސް ހިލާފަށްކަމަށް ޔާމީން ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ޒިޔަތާއި ދެކޮޅަށް ވަނީ ސިއްރު ހެކިންގެ ހެކިބަސް ހުށަހަޅާފައެވެ. ގާޒީ އަލީ އާދަމް ނިންމެވީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ
މިހާރުވެސް 5 މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއް ސާބިތުވެ ޖަލަށް ހުކުމް ކޮށްފައިވާ ޒިޔަތުގެ ހިޔާނާތުގެ އިތުރު 15 މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.