ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 30 އަހަރު ވަންދެން ވެރިކަން ކުރެއްވީ ރައްޔިތުން "ގުނބޯ" ހައްދައިގެން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
"ސަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މެންބަރު އިސްމާއީލް ވިދާޅުވި ގޮތުގައި މައުމޫނުގެ ވެރިކަމުގައި ދިމާވި ކޮންމެ ހާދިސާއަކުން މަސައްކަތް ކުރެއްވީ އަމިއްލަ ފައިދާތަކެއް ހޯދުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ފައިސާ ބެއްސެވި ކަމަށް މަޖިލީހުގެ ޖަލްސާއެއްގައި އިއުތިރާފްވެ ވަޑައިގެންފައިވާ މެންބަރު އިސްމާއީލް ވަނީ 3 ނޮވެމްބަރުގެ ހަމަލާ އަކީ، މައުމޫން ކުޅުއްވި "ގޭމެއް" ގޮތަށް ސިފަކުރައްވާފައެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި 3 ނޮވެމްބަރުގައި 19 ދިވެހިން ޝަހީދުކުރި ބާޣީންގެ މައްޗަށް އިއްވި މަރުގެ ހުކުމް ފަހުން ޖަލު ހުކުމަށް ބަދަލު ކުރި ކުރުމުން ވެސް އެކަން(ގޭމެއް ކަން) ދޭހަވާ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ރައީސް މައުމޫން އެ ފަހަރު ވެސް އަމިއްލަ ޒިންމާއިން ރެކިވަޑައިގެން ފިއްލެވިކަން ދިވެހިންނަށް އެނގޭ ކަމަށާއި އެ ދުވަހު ގައުމުގެ ކަންތައްތައް ހަރުދަނާ ކުރުމުގެ ބަދަލުގައި މަސައްކަތް ކުރެވީ އަމިއްލަފުޅު މަސްލަހަތު އިސްކުރުމަށް ކަމަށެވެ.
މެންބަރު އިސްމާއިލް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމަށާއި މައުމޫނުގެ "އަމިއްލަ އެދުމުން ފުރިގެންވާ" ސިޔާސަތު ނޫން ކަމަށެވެ.