Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އަޅުވެތިކަމުގެ ދާ ފަތުރަނީ، އިޤްތިސާދީ ދަންތުރައިގެ ތެރެއިން: ރައީސް

މިއަދު ދުނިޔޭގެ އެއް ޤައުމުން އަނެއް ޤައުމުގެ މައްޗަށް އަޅުވެތިކަމުގެ ދާ ތައް ފަތުރަނީ، އިޤްތިސާދީ އެކިއެކި ދަންތުރަ ތަކާއި އަދި ފިކުރީ ހަނގުރާމައިގެ ތެރެއިން ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ޖަލްސާގައި ދިވެހި ޤައުމާއި މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުވެތިކަމުގެ ހިލިހިލާތައް ޤައުމެއްގައި އަޅުވަނީ ހަމައެކަނި ޓެރަރިޒަމްގެ ޙަމަލާތަކުގެ ތެރެއިން ނޫން. މިއަދުގެ ދުނިޔޭގައި އެއް ޤައުމު އަނެއް ޤައުމުގެ މައްޗަށް އަޅުވެތިކަމުގެ ދާތައް ފަތުރަނީ، އިޤްތިޞާދީ އެކިއެކި ދަންތުރައިގެ ތެރެއިންނާއި ފިކުރީ ހަނގުރާމަތަކުގެ ތެރެއިން."

ރައީސް ޔާމީން ވިދާޅުވީ، ޤައުމެއް އަޅުވެތި ކުރެވޭނެ އެންމެ ފަސޭހަ އެއްގޮތަކީ އިޤްތިޞާދީ ގޮތުން ޤައުމު ބަލިކަށިކުރުވުން ކަމަށެވެ. އަދި އެ ޤައުމަކަށް އާމްދަނީ ހޯދުމާއި ރައްޔިތުންނަށް ހިދުމަތްދިނުމުގައި އެހެން ޤައުމުތަކަށް ބަރޯސާކުރުވައިގެން ޤައުމުތައް އަޅުވެތި ކުރާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕްރައިވެޓް ސެކްޓަރގެ ކުރިއެރުމަށް ފަހި ސިޔާސަތުތަކެއް ކަނޑައެޅުމަކީ މިއަދުގެ އިޤްތިޞާދީ ނިންމުންތަކުގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.