Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ކިތަންމެ މަތީ ފާހެއް އޮތަސް ވެރިކަމެއް ނުކުރެވޭނެ: އަޒްލީން

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ހޯމް މިނިސްޓަރ އަޒަލީން އަޙްމަދު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ކިތަންމެ މޮޅު ޔުނިވާސިޓީ އަކުން ކިތަންމެ މަތީ ފާހެއް ނަންގަވައިގެން ހުއްޓަސް ވެރިކަމެއް ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަޒްލީން ވިދާޅުވީ، މަތީ ފާހެއް އޮތަސް ވެރިކަން ކުރެވޭނީ ވެރިކަން ކުރުމުގެ ވައްޓަފާޅި ހުންނަ މީހުންނަށް ކަމަށެވެ.

އަދި ރައްޔިތުންގެ ޙާލަތު ވަޒަންކުރަން އެނގިވަޑައިނުގަންނަވާ, ރައްޔިތުންނާ ބީރަށްޓެހި ބޭފުޅަކު ރައްޔިތުންގެ ވެރިކަމަށް އިސްކުރެވިއްޖެ ނަމަ އެކަމުން މިންޖުވުމުގެ މަސައްކަތް ރައްޔިތުން ފަށާނެ ކަމަށާއި އެކަން ވަރަށް ކައިރި މާޒީއެއްގައި ތަޖުރިބާކޮށްފައިވާކަމަށް އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ، ޤައުމެއްގެ ވެރިކަން ކުރައްވާ މީހަކީ ރައްޔިތުންގެ ޙާލަތު ވަޒަން ކުރަން އެނގޭ މީހަކަށްވެސް ވާންޖެހޭނެ ކަމަށެވެ.

"ރައްޔިތުންގެ ޙާލަތު ވަޒަންކުރަން ނޭނގޭ ރައްޔިތުންގެ ކަންކަން ގާތުން ތަޖުރިބާ ނުކުރައްވާ އަދި ގައުމުގެ ޙާލަތާއި ޤާނޫނު އަސާސީއާ ޤައުމުގެ ދުސްތޫރު ރޭވިފައިވާގޮތް ރަނގަޅަށް ނޭނގޭ މާލިމީއަކަށް ޤައުމުގެ ވެރިކަން ހަވާލު ކުރުމަށް ރައްޔިތުން މިއަދަކު ބޭނުމެއް ނުވޭ،" ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

އޒްލީން ވިދާޅުވީ ޤައުމާ ރައްޔިތުންގެ ޙާލަތު އެނގޭ މީހަކު ޤައުމުގެ ވެރިކަމަށް އިސްކޮށްފިނަމަ އޭގެ ފައިދާ ރައްޔިތުންނަށް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.

ވެރިކަމަކީ ރައްޔިތުންގެ ކިބައިން އަންނަ އެއްޗަކަށްވާއިރު ރައްޔިތުން ޤައުމަށް އިންތިޚާބުކުރާ ވެރިއަކީ ރައްޔިތުންނާއި އެކީގައި އުޅޭ ރައްޔިތުންގެ ކަންކަން ތަޖުރިބާކޮށްފައިވާ ވެރިއަކަށް ވާން ޖެހޭނެ ކަމަށް އަޒްލީން ވިދާޅުވިއެވެ.

"އެބައެއްގެ ޙާލަތު ރަނގަޅަށް އެނގި ވަޒަންކުރަން އެނގޭ މީހަކަށް ޤައުމުގެ ވެރިކަން ކުރެވޭނެ ކަމަށް ރައީސް ޔާމީން ވަނީ ރައްޔިތުންނަށް ދައްކުވައިދީފައި،" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.