ދައުލަތަކީ އަމިއްލަ ބޭނުންތަކުން ރައްކާތެރި ކުރެވިފައިވާ އަދި އެއްވެސް ބީދަޔަކުން އަތްލެވިގެން ނުވާނެ އެއްޗެއް ކަމުގައި ވާންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ 49 ވަނަ ޖުމްހޫރީދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޖުމްހޫރިއްޔަތަކީ ވެރިކަމުގެ ބާރުތައް ރައްޔިތުންގެ ކިބައިން ފެށޭ އަދި ރައްޔިތުންގެ ކިބައިގައި ދެމިއޮންނަ ވެރިކަމުގެ ނިޒާމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ޖުމްހޫރިއްޔަތު ޤާއިމްކޮށްފައިވާ ގައުމުތައް ކިތަންމެ ގިނަ ކަމުގައި ވީ ނަމަވެސް އެ ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތަކަށް ބަލާއިރު ހުރިހާ ކަމެއް އެއްގޮތަކަށް ހަމަޖައްސާފައިވާ ގައުމެއް އޮތުމަކީ ނާދިރު ކަމެއް ކަމަށެވެ.
އޭގެ ސަބަބެއް ކަމުގައި ރައީސް ވިދާޅުވީ، ވެރިކަމުގެ ނިޒާމުތަކާއި ޑިމޮކްރަސީގެ އުސޫލުތައް ކޮންމެ ގައުމެއްގައި ތަރައްގީ ކުރެވެނީ އެ ގައުމެއްގައި ހުރި ވިސްނުންތަކާއި ހަމަތަކުގެ މައްޗަށް ކަމަށްވާތީ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކަށް ހަމަ ކޮންމެ ދުވަހަކުމެ އެކި ކަހަލަ ހަމަލާތައް އެކި ސިފަސިފާގައި އަންނަމުންދާކަން މިއަދު ގަބޫލު ކުރަންޖެހޭ ކަމަށެވެ.
އަދި ފިކުރީ ހަނގުރާމަ އާއި މެދު ސަމާލުވެ، ގައުމުގެ ސަގާފަތާ ދުރު ފިކުރުތަކަށް ޖާގަ ނުދިނުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކުރައްވާފައެވެ.