Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

"ޕްރެޒިޑެންޓް ސްކައުޓް އެވޯޑް" ދެ ސްކައުޓަކަށް ދީފި

ދިވެހިރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން ސްކައުޓުންނަށް ދެއްވާ އެންމެ މަތީ އެވާޑުކަމުގައިވާ "ޕްރެސިޑެންޓް ސްކައުޓް" އެވާޑު ދެ ސްކައުޓަކަށް ދެއްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ޖަލްސާގައި މިއެވާޑް ލިބުނީ ފަސްޓް މާލެ ސްކައުޓް ގްރޫޕް (މަޖީދިއްޔާ ސްކޫލު) ގެ ސްކައުޓުންކަމުގައިވާ އަބްދުﷲ ޔާފިޘް އަޙްމަދު އަދި މުޙައްމަދު އިއުޖާޒް ޔަޒީދަށެވެ. އެވާޑު ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
ސްކައުޓް ހަރަކާތުން ސްކައުޓަކަށް ލިބޭ އެންމެ މަތީ އެވާޑް 9 އަހަރުގެ މެދުކެނޑުމަކަށްފަހު ދެ ސްކައުޓުން ހާސިލްކުރުމަކީ ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ކުރިއަރާކަމުގެ ނިޝާނެކެވެ.

އެވޯޑު ހާސިލުކުރުމަށްފަހު ޔާފިޘް އަހުމަދު ބުނެފައިވަނީ އާންމު ދިރިއުޅުމުގައި ބޭނުންވާނެ މުހިންމު ހުނަރުތަކެއް މިއެވޯޑު ހާސިލުކުރުމަށް ކުރި މަސައްކަތުން ދަސްވެފައިވާ ކަމަށެވެ.

"މި އެވާޑަށްކުރި މަސައްކަތުން ދިރިއުޅުމުގައި ކާމިޔާބީ ހާސިލްކުރުމަށް އެކިއެކި ހުނަރު އަދި ވިސްނުން ބަހައްޓަންޖެހޭގޮތް އަޅުގަނޑަށް ދަސްވި"

މިއެވޯޑު ހާސިލުކުރި ދެވަނަ ސްކައުޓް، މުހައްމަދު އިއުޖާޒް ޔަޒީދު ބުނެފައިވަނީ އެވޯޑު ހާސިލުކުރުމަށް ކުރި މަސައްކަތުން ގިނަގުނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ.

"ޕްރެސިޑެންޓް ސްކައުޓް އެވާޑް ހާސިލްކުރުމަށް ކުރި މަސައްކަތުން ޒުވާނުންގެ ކުރިއެރުމަށްޓަކައި ޕްރޮގްރާމްތައް ރާވައި އިންތިޒާމްކުރާނެގޮތް ދަސްވި"

ދިވެހި ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނީ 1956 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގައެވެ. މިހާރު 5000 އަށްވުރެ ގިނަ ސްކައުޓުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބެއެވެ.