Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އައްޑޫގައި ބާއްވާ ނަވަލޯކާ މެޑިކަލް ކޭމްޕްގެ އެޕޮއިންޓްމެންޓް ފުލްވެއްޖެ

* ކޭމްޕް އޮންނާނީ މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހާއި ހަމައަށް
* ކޭމްޕްގައިޔޫރޮލޮޖީ، ކިޑްނީ ޓްރާންސްޕުލާންޓު، ނިއުރޮލޮޖީ، ގައިނެކޮލޮޖީ އަދި އީއެންޓީގެ ހާއްސަ ޑޮކްޓަރެއް ހިމެނެ އެވެ.
* މިހާތަނަށް 560 މީހުން ވަނީ ނަން ނޯޓުކޮށްފައި

ސްރީލަންކަން އެއާލައިންސާއި ލަންކާގެ ނަވަލޯކާ ހޮސްޕިޓަލް ގުޅިގެން އައްޑޫގައި ބާއްވާ މެޑިކަލް ކޭމްޕްގެ އެޕޮއިންޓްމެންޓް ފުލްވެއްޖެ އެވެ.

ސްރީލަންކަން އިން ބުނީ މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކޭމްޕްގައި ނަވަލޯކާގެ ހަތަރު ސްޕެޝަލިސްޓުން ބައިވެރިވާނެ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށްދާ ލަންކާގެ ނަވަލޯކާ ކޭމްޕުގައި ބައިވެރިވާ ސްޕެޝަލިސްޓުންގެ ތެރޭގައި ޔޫރޮލޮޖީ، ކިޑްނީ ޓްރާންސްޕުލާންޓު، ނިއުރޮލޮޖީ، ގައިނެކޮލޮޖީ އަދި އީއެންޓީގެ ހާއްސަ ޑޮކްޓަރެއް ހިމެނެ އެވެ.

ސްރީލަންކަން އެއާލައިންސްގެ ސޭލްސް އެންޑް އެޑްމިން އެގްޒެކެޓިވް ނަބީލް މުހައްމަދު ވިދާޅުވީ ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެއްދުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ނަން ނޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ހުޅުވާލި ފުރުސަތުގައި 560 މީހުން އެޕޮއިންޓްމެންޓް ހައްދާފައިވާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ގަމަށް ސީދާ ދަތުރު ފެށި ސްރީލަންކަން އިން ގެންދަނީ އެ ސެކްޓާ އަށް އަމާޒުކޮށް ގިނަ ޕްރޮމޯޝަންތަކެއް ވެސް ބާއްވަމުންނެވެ.

ނަވަލޯކާއާ ގުޅިގެން މިފަދަ ކޭމްޕެއް ބޭއްވުމުގެ މަގްސަދަކީވެސް އައްޑޫން ބޭސް ފަރުވާއަށް ލަންކާއަށް ދާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމެވެ.

ނަބީލް ވިދާޅުވީ މި ކޭމްޕްގައި ބައިވެރިވާ ސްޕެޝަލިސްޓުން މާދަމާ ހެނދުނު އައްޑު އަށް ވަޑައިގަންނަވާނެ ކަމަށެވެ.