Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

މަރަދޫ ޕާކުން ބޭސްފިހާރަ އަޅަން ބިން ދޫކުރި މައްސަލަ ހޫނުވެއްޖެ!

މަރަދޫ ޕާކްގައި ބޭސްފިހާރަ އެޅުމުގެ މަސައްކަތް ފަށާފައި/ ފޮޓޯ: މަރަދޫ ދާއިރާ އެފްބީ

މަރަދޫ ޕާކުން ސިއްހީ މަރުކަޒާއި ކުރިމަތިވާ ގޮތަށް 30 ފޫޓު ބިމެއް ބޭސްފިހާރައެއް އެޅުމަށް ދޫކުރި މައްސަލަ ހޫނުވެއްޖެއެވެ.

"އައްޑޫލައިވް" އެގިފައިވާ ގޮތުގައި ކައުންސިލުން ދެ ފަހަރެއްގެ މަތިން އިއްލާންކޮށް މަރަދޫ ފޭރުމާގެ، އިބްރާހިމް ދީދީ (ނައިސްވޭ އިބްރާ)އަށް ބޭސް ފިހާރަ އެޅުމަށް ކައުންސިލުން ދޫކުރި ބިމުގެ މަސައްކަތް ފަށާފައިވަނިކޮށް އިއްޔެ ބަޔަކު ވަނީ ނިކުމެ މަސައްކަތް ހުއްޓުވާފައެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ މަރަދޫގައި ބޭސްފިހާރައެއް އެޅުމަށް ތަފާތު ފަރާތްތަކަށް މިހާތަނަށް ބިން ދޫކުރެވި އެއްވެސް ބަޔަކަށް އެ މަސައްކަތް ނުފެށިވަނިކޮށް ކައުންސިލުން ދެވަނަ ފަހަރަށް މަރަދޫ ޕާކުން ސިއްޙީ މަރުކަޒުގެ ކުރިމަތިން 30 ފޫޓުގެ ބިމެއް ދޫކުރުމަށް އިއްލާންކޮށް އެކަމަށް ކުރިމަތިލީ ފަރާތާއި ބިން ހަވާލުކޮށްފައިވަނިކޮށް ބަޔަކު ނިކުމެ އެމަަސައްކަތް ހުއްޓުވާފައިވާކަމަށެވެ.

"ރަށުގެ އާއްމު ބަޔަކު ނިކުމެ މަސައްކަތް ހުއްޓުވީ، އަޅުގަނޑުމެން ބޭނުމެއް ނޫން ރައްޔިތުންނާއި ދެކޮޅަށް ނިކުމެ މަސައްކަތެއް ކުރާކަށް، ރައްޔިތުން ބޭނުންވާ ގޮތަކަށް ރައްޔިތުންގެ ކަންކަން ކުރެވޭނީ" ޠޮއްޔިބް ވިދާޅުވިއެވެ.

މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ ޕާކުން ބޭސް ފިހާރައެއް އެޅުމަށް ބިންދޭން ނުޖެހޭ ކަމަށެވެ.

"ޕާކަކީ ވިޔަފާރި ކުރަން ބިން ދޭން ޖެހޭ ތަނެއް ނޫން، އެތަން އޮންނަން ޖެހޭނީ ޕާކެއްގެ ގޮތުގައި، ކައުންސިލަރު އޭނާގެ ޅިޔަނަށް ވިޔަފާރިކުރަން ބިންދިނީ، އެކަމެއް އެހެން ނުކުރެވޭނެ" އޭނާ ބުންޏެވެ.

ޠޮއްޔިބް ވިދާޅުވީ އޭނާގެ ޅިޔަނަކަށް ވިޔަފާރި ކުރުމަކަށް މަރަދޫ ޕާކުން ބިން ދޫކޮށްފައި ނުވާކަމަށެވެ.

މަރަދޫގެ އެކި މީހުން މިކަމުގައި ދެކޭގޮތް ތަފާތެވެ. އެއްބަަޔަކު ބުނަނީ ޕާކުން ބިން ދޭން ނުޖެހޭކަމަށެވެ. އަދި އަނެއް ބަޔަކު ބުނަނީ މަރަދޫގައި ބޭސްފިހާރައެއްގެ ހިދްމަތް ލިބެން ނެތް އިރު އެފަދަ ހިދްމަތެއް ބަޔަކު ފޯރުކޮށް ދޭން އުޅުމުން ހުރަސް އަޅައިގެން ނުވާނެކަމަށެވެ.

"އެމީހުން އެބުނަނީ ޕާކް އޮންނަން ވާނީ ޕާކުގެ ގޮތުގައޭ، އެކަމަކު ޕާކުގެ ދެބައިކުޅަ އެއްބައި ސިޔާސީ ޕާޓީއެއްގެ ދިދަ ޖަހައި ސްކްރީން ބަހައްޓައިގެން ޕާޓީ ހިންގާއިރު އޭ މައްސަލައެއް ނޫން، އެކަން ކުރެވޭ ޕާކްގައި. ވީއިރު މީ މުޅިން އެހެން މައްސަލައެއް" އެކަމާއި ދެކޮޅު މީހަކު ބުންޏެވެ.

އޭނާ އިތުރަށް ބުނީ މަރަދޫ ޕާކް ސިޔާސީ ޕާޓީގެ ހަރުގެއްގެ އިތުރުން މަސްވެރިން ދާ ބަނުމަށާއި އެފަދަ މަަސއްކަތުގައި މުޅި ސަރަހައްދު ބޭނުން ކުރަމުން އަންނަކަމަށެވެ.

"ހަޤީޤަތުގައި މަަރދޫ ޕާކްގެ ބޭނުން މިރަށުކުދިންނަކަށް ނުހިފޭ. އެފަދަ ގޮތަކަށް ނޫން މިތަން އޮތީ"

މަރަދޫ ޕާކްގައި ބޭސް ފިހާރަ އެޅުމުގެ މަސައްކަތް މިހާރު ހުއްޓުވާފައިވާކަމަށް ޠޮއްޔިބް ވިދާޅުވިއެވެ.