މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު އަނެއްކާވެސް އައިޝްވާރިޔާ ރާއި ބައްޗަން މަސައްކަތް ކުރަން އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި ދެކެވެން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާގޮތުން ބަންސާލީ ހުރީ އައިޝްވާރިޔާއާ އެކު މަސައްކަތް ކުރަން ވަރަށް ބޭނުންވެފައެވެ. އޭޝް އާއި ބަންސާލީގެ ފިލްމްތައް ކަމަށްވާ "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ދޭވްދާސް" އަދި "ގުޒާރިޝް" ވެގެން ދިޔައީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު އަދި އެހާމޭ ތާރީޚީ ފިލްމްތަކަކަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ހަފްތާގެ ތެރޭގައި އޭޝް އާއި ބަންސާލީ ބައްދަލުކޮށް ވަނީ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ނިންމާފައެވެ. މީގެ ކުރިން އޭޝް އާއި ބަންސާލީ އެކުގައި މަސައްކަތް ކުރި ފިލްމްތަކާއި ޚިލާފަށް މިފަހަރުގެ ފިލްމް ވެގެންދާނީ ކޮމެޑީ ފިލްމަކަށެވެ.
އޭޝްއަކީ ސަންޖޭ ލީލާ ބަންސާލީއާ އެކު މަސައްކަތް ކުރާ ބަތަލާއިންނަށް ހުރި މިސާލެކެވެ. ބަންސާލީ ވަނީ ބޮލީވުޑްގެ ވަރަށް ގިނަ ބަތަލާއިން ޑައިރެކްޓްކޮށްފަ އެވެ. އެހެން ނަމަވެސް އޭގެތެރެއިން ވެސް އޭނާއަށް އެންމެ ޚާއްސައީ އޭޝް އެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެހެނިހެން ތަރިންނާއެކު ބަންސާލީ މަސައްކަތް ކޮށްފައިވާއިރު، އޭނާ ވަނީ އަބަދުވެސް އޭޝް އާއެކު ގާތް ގުޅުމެއް ބާއްވާފައެވެ.