Last Updated: June 28, 23:46
Sunday, June 28, 2026
ޚަބަރު

އަލީބާބާގައި އިއްޔެ އެކަނި ވެސް ވިޔަފާރީގެ ރިކޯޑެއް

ޗައިނާގައި މިހާތަނަށް އެންމެ ބޮޑަށް އޮންލައިން ވިޔަފާރި ކުރި ދުވަހަކީ އެޤައުމުން ނޮވެމްބަރު 11 ގައި ފާހަގަކުރި ސިންގަލްސް ޑޭ އެވެ. އެ ދުވަހު މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އަލީބާބާ އިން ވަނީ 25.3 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ.

އޭގެތެރެއިން 7 ބިލިއަން ޑޮލަރު ހޯދާފައި ވަނީ ފުރަތަމަ 30 މިނެޓްގެ ތެރޭގައެވެ.

މިއީ އެކުންފުނިން މިދިޔަ އަހަރު ހޯދި 17.8 ބިލިއަން ޑޮލަރުގެ ފައިދާއާއި އަޅާބަލާއިރު %29 ގެ ކުރިއެރުމެކެވެ. މި އަހަރު އަލީބާބާ އިން ވަނީ މެންދުރު 12 ގެ ކުރިން 18 ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައެވެ. އޭގެތެރެއިން 1 ބިލިއަން ޑޮލަރު ހޯދާފައި ވަނީ ފުރަތަމަ ދެ މިނެޓްގެ ތެރޭގައެވެ.

ސިންގަލްސް ޑޭ އަކީ ޗައިނާ އިން ހުސްހަށިބައި މީހުންނަށް ޚާއްސަކޮށްގެން ފާހަގަކުރާ ދުވަހެކެވެ. ކޮންމެ އަހަރަކުވެސް ފާހަގަކުރާ މި ދުވަހަކީ އެމެރިކާގައި ފާހަގަކުރާ ބްލެކް ފްރައިޑޭ އާއި ސައިބާ މަންޑޭ އިން ޖުމްލަކޮށް ލިބޭ ފައިދާއަށްވުރެ އެތައް ގުނައެއް ބޮޑު ފައިދާއެއް ޗައިނާގެ ކުންފުނިތަކަށް ލިއްބައިދޭ ދުވަހަކެވެ.

2009 ވަނަ އަހަރުން ފެށިގެން އަލީބާބާ އިން ދަނީ ސިންގަލްސް ޑޭގެ ފައިދާ ނަގަމުންނެވެ. އަލީބާބާ އިން ވަނީ ހޮނިހިރު ދުވަހުގެ ފުރަތަމަ ފަސް މިނެޓް ތެރޭގައި ޕޭމެންޓް ޓްރާންސެކްޝަންގެ ދުނިޔޭގެ ރެކޯޑް މުގުރާލާފައެވެ. އެގޮތުން އަލީޕޭގައި ކޮންމެ ސިކުންތަކު 256،000 ޕޭމެންޓް ވަނީ ޕްރޮސެސްވެފަ އެވެ.

މިދިޔަ އަހަރު އަލީބާބާ އަށް 657 މިލިއަން ޑެލިވަރީ އޯޑަރު ލިބިފައިވާއިރު، މި އަހަރު އެ އަދަދު ވަނީ 700 މިލިއަން އާ ވަރަށް ގާތްކޮށްފަ އެވެ.

މިއަހަރު އެކުންފުނީގެ ސިންގަލްސް ޑޭ ޝޮޕިންގައި 140،000 ބްރޭންޑުން ބައިވެރިއިރު، މިދިޔަ އަހަރު ބައިވެރިވެފައި ވަނީ އެންމެ 98،000 ބްރޭންޑް އިންނެވެ.

ކޮންމެ އަހަރެއްގެ ވެސް ސިންގަލްސް ޑޭގެ ކުރިން އަންނަ ހުކުރު ދުވަހު އަލީބާބާ އިން ބޮޑު ގާލާއެއް ބާއްވައެވެ. މި އަހަރު އެކުންފުނިން ބޭއްވި ގާލާ ގައި ފެރެލް ވިލިއަމްސް އާއި ނިކޯލް ކިޑްމެން ވެސް ވަނީ ބައިވެރިވެފަ އެވެ.