ހދ. ކުޅުދުއްފުށީ ރައްޔިތުން ދެކެމުން އައި އެއާޕޯޓް ހުވަފެން މިއަދު ހަގީގަތަކަށް ވެގެންދާނެ ކަމަށާއި ކުޅުދުއްފުށީ ރައްޔިތުން ތިބީ ތަރައްޤީ އަށް ފެންބޮވައިގެންފައިކަން އިއްޔެ އެކަނިވެސް ފެނިގެން ދިޔަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި އެމްޑްބަލިއުއެސްސީން ގާއިމް ކުރާ ފެން ޕްލާންޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުޅުދުއްފުޓަށް ގިނަ ތަރައްޤީގެ މަޝްރޫއު ގެންނާނެކަމަށެވެ.
އެގޮތުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ދެކެމުން އައި އެއާޕޯޓްގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ހަވީރު ފެށިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ ސަބަބުން އެރަށާއި ހދ އަތޮޅަށް ބޮޑު ފައިދާތަކެއް ކުރާނެކަމަށެވެ. މީގެ އިތުރުން މިއަދު ބިންގާ އެޅުނު ފެން ޕްލާންޓުންވެސް އަތޮޅުގެ ރައްޔިތުންނަށް ފައިދާތަކެއް ވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
Minister @MMuizzu officially inaugurates construction of Island Beverages Maldives' new bottling factory at Hdh. Kulhudhuffushi @MWSC_Official pic.twitter.com/2fZsuqeICU
— housing.gov.mv (@HousingGovMv) November 12, 2017
ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު ހުއްޓިފައި ވަނިކޮށް މިއަދު އަލުން އެމަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއާޕޯޓް ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރެއްވުމަށާއި ޕީޕީއެމްގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާއަށް މިއަދު ހަވީރު ރައީސް އަބްދުﷲ ޔާމީނާއި ކެބިނެޓް މިނިސްޓަރުންގެ އިތުރުން ޕީޕީއެމް މަޖްލިސް މެމްބަރުން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެއެވެ.
މި ރަސްމިއްޔާތަށް ކުޅުދުއްފުށި އޮތީ ފިޔާތޮށި ކުލައިން ޒީނަތްތެރިކޮށްފައެވެ.