ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއު ފައްޓަވައި ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މުޒާހަރާ ނުކުރަން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.
ކުޅުދުއްފުށީ އެމްޑީޕީ އިސް އޮފިޝަލެއްކަމަށްވާ އަލީ މުހައްމަދު އާއި ހަވާލީ "ކޭއޯ"އިން ބުނީ ރައީސާއި ދެކޮޅަށް މުޒާހަރާ ނުކުރަން ނިންމީ އެއާޕޯޓަކީ ރައްޔިތުން ބޭނުން ތަނަކަށް ވެފައި އެފަދަ ކަމަކަށް ރައީސް ވަޑައިގަތުމުން މުޒާހަރާ ނުކުރަން ކަމަށެވެ.
ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓާއި އެކު ރައީސް ޔާމީން ފައިބާ ވަޑައިގަންނަވަން ޖެހޭނީ އެއާޕޯޓަށް ކަމަށާއި އެނޫންނަމަ އެދުވަހަކުން ރައްޔިތުންނާއި އެކު އެމްޑީޕީ ނިކުމެ މުޒާހަރާ ކުރާނެކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހުމާއި އެކު އެރަށުގައި އެމްޑީޕީން ނަގާފައިވާ ބޮޑު ދިދަ ފުލުހުންގެ އެންގުމަށް ވަނީ ތިރިކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތަށް މުޅި ކުޅުދުއްފުށި ފިޔާތޮށި ކުލައިން ޒީނަތްތެރިކޮށްފައިވާ އިރު މިރޭ އެ ރަށުގައި ޕީޕީއެމްއިން "އުދުހޭ" ޖަލްސާ ބާއްވާނެއެވެ. މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވާނެއެވެ.