ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ކިޑްނީގެ ޓެސްޓްތައް ނެހެދޭތީ އެކަމާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެ އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ހޮސްޕިޓަލުން ކިޑްނީ ފަންކްޝަން ޓެސްޓް ނެހެދޭތާ ދުވަސްތަކެއް މިހާރު ވަނީ ވެފައެވެ.
ކިޑްނީ ފަންކްޝަން ޓެސްޓް ހޮސްޕިޓަލުން ނެހެދޭކަން އެތަނުގެ ސީނިއަރ މުވައްޒަފަކު ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި ކިޑްނީ ފަންކްޝަން ޓެސްޓްތަކުގެ އިތުރުން ވެސް ބައެއް މުހިއްމު ޓެސްޓްތައް މިވަގުތު ނެހެދޭ ކަމަށެވެ.
" މިވަގުތު ތިންމަހުން އެއްފަހަރު މިހަދާ ހަކުރު ޓެސްޓް ނެހެދޭ، ޕޮޓޭޝިއަމް ޓެސްޓެއް ނެހެދޭ. ދެން ކިޑްނީ ފަންކްޝަން ޓެސްޓް ނެހެދޭ. އެކަން މެނޭޖްމަންޓުގެ ސަމާލުކަމަށް ވަނީ ގެނެސްފައި. ހައްލު ނުވަނީ ކީއްވެގެން ކަމެއް ނޭނގޭ"، ހިތަދޫ ހޮސްޕިޓަލުގެ ސީނިއަރ މުވައްޒަފަކު ބުންޏެވެ.
ކިޑްނީ ފަންކްޝަން ޓެސްޓް ނެހެދޭތީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ހިތަދޫ ހޮސްޕިޓަލުގެ ލެބޯޓްރީގެ ބައެއް ޚިދުމަތްތައް މެދުކެނޑުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ.