Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބިން ހިއްކަން ފަށައިފި

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ބިން ހިއްކަން މިއަދު ފަށައިފިއެވެ.

ކުޅުދުއްފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ރައީސް ޔާމީން އަބްދުލް ގައްޔޫމްއެވެ.

ކުޅުދުއްފުށީ އެއާޕޯޓް މަޝްރުއަކީ ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު "މަހާ ޖައްރާފާ"ގެ ފުރަތަމަ މަޝްރޫއުއެވެ. މި ރަސްމިއްޔާތަށް ރައީސް އަބްދުﷲ ޔާމީން އާއި ވަޒީރުންގެ އިތުރުން ޕީޕީއެމްގެ މަޖިލިސް މެމްބަރުން ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއު އިފްތިތާހު ކުރުމުގެ ހަފްލާއަށް އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ ވަރަށް ތަފްސީލްކޮށް މަޝްރޫއާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ޒަމީރު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަށްފަހު ދެންވެސް ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓްގެ މަޝްރޫއުތައް މަހާ ޖައްރާފާ ބޭނުންކޮށްގެން ނިންމާނެކަމަށެވެ.

ކުޅުދުއްފުށީ މަށި ކިޅިން ބޮޑު ބައެއް ހިއްކައިގެން އެއާޕޯޓް އަޅާ މައްސަލާގައި ސަރުކާރަށް ބޮޑެތި ފާޑު ކިއުންތައް އަމާޒުވި ނަމަވެސް ސަރުކާރުން ބުނީ ކުޅުދުއްފުށީ ރައްޔިތުން ބޭނުން ވަނީ އެއާޕޯޓާއި ތަރައްޤީ ކަމަށެވެ. އަދި އެވާހަކަ ތައް ދައްކަނީ ކުޅުދުއްފުށި ނުދަންނަ އެހެން ރައްޔިތުން ކަމަށެވެ.

ޒަމީރު ވިދާޅުވީ އެއާޕޯޓް މަޝްރޫއުތައް މި ސަރުކާރުން ގެންދާނީ "ރޮކެޓް ސްޕީޑު"ގައެވެ.