Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އަޅުގަނޑުމެން ކުޅިއާ ކުޅެނީ ކުޅެން އެނގިގެން: ރިފާއު

ޕީޕީއެމްގެ ސަރުކާރުން ކުޅުދުއްފުށީގެ ކުޅި އާއި ކުޅެނީ ކުޅެން އެނގިގެން ކަމަށް މާފަންނު ދެކުނުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި މިރޭ ޕީޕީއެމުން ކުރިއަށް ގެންދާ "އުދުހޭ" ޖަލްސާގައި ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވީ، ކުޅި އާއި ކުޅެނީ "އެކަމަށް ކުރަން ޖެހޭ ދިރާސާތައް ކޮށްގެން، ކުޅި އަށް ގެއްލުން ނުވާ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ކުޅިއާ ކުޅެނީ ކުޅެން އެނގިގެން. އެކަމަށް ކުރަން ޖެހޭ ފުރިހަމަ ދިރާސާތައް ކޮށް، ކުޅިޔަށް ގެއްލުން ނުވާގޮތަށް (..)ކުޅިއާ ކުޅެން އެނގޭނީ ކުޅި އާއި ކުޅެން އެނގޭ މީހުންނަށް" ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ ކުޅި އާއި ކުޅެން އެނގޭނީ ކުޅި އާއި ކުޅެން އެނގޭ މީހުންނަށް ކަމަށެވެ.

ކުޅުދުއްފުށީ ކުޅި ހިއްކުމަށް ނިންމުމާއި ގުޅިގެން އެކަމަށް ކުރިމަތިވި ފާޑުކިޔުންތަކަށް ވެސް ރިފާއު ވަނީ ރައްދު ދެއްވާފައެވެ. ރިފާއު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުޅި އާއި ކުޅުމުން ވާ ގޮތް އައްޑޫން ފެންނަމުން ދާ ކަމަށެވެ.

"އެބޭފުޅުން ކުޅިއާ ކުޅުމުން ވާނެ ގޮތް އައްޑޫން އެފެންނަނީ. ގެނބިގެން އެދަނީ"، އައްޑޫގައި އެމްޑީޕީ ސަރުކާރުގައި ބިނާކުރި ކޮންވެންޝަން ސެންޓަރަށް މިސާލު ޖައްސަވަމުން ރިފާއު ވިދާޅުވިއެވެ.