ޚަބަރު

ޕީޕީއެމުން މަޖިލިސް މެންބަރުންތަކެއް ވަކިވެދާނެ: ރައީސް

ޕީޕީއެމްގެ މަޖިލިސް މެންބަރަކު އެޕާޓީން ވަކިވާން އުޅޭކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ދެއްވައިފިއެވެ.

ޕީޕީއެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި ބޭއްވި "އުދުހޭ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ގެއްލުމަކަށް ވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަކިވުން ކަމަށެވެ.

"ދެން ވެސް އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ އަޅުގަނޑުމެން ޕާޓީގެ މެމްބަރުން ކޮޅެއް އަޅުގަނޑާ ވަކިވެގެން ދިއުން. މި އިމްތިހާނު ވެސް އަޅުގަނޑު ކުރާނެ ކަން ނޭނގެ އަދިވެސް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުންތަކާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް ވަކިވެ ކުރަން އުޅުނު "ބަޣާވާތް" ކަމަށެވެ. އަދި ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ގެއްލުމަކީ އެ ކަންކަން ތަކުރާރުވުން ކަމަށާއި އެއީ ހިނގާފާނެ ކަންކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ޕީޕީއެމުން ވަކިވެގެން މަޖިލީހުގެ މެމްބަރުންތަކެއް ވަޑައިގަތީ އެބޭފުޅުންގެ އަމިއްލަ އެޖެންޑާތަކެއް ހާސިލް ނުވުމުންނެވެ.