Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ވެރިކަމުން ކައްސާލާނެ ތިން ބޮނޑި އަޅައިފި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުން ކައްސާލާނެ 3 ބޮނޑިއެއް މިހާތަނަށް އަމާޒުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ކުޅުދުއްފުށީގައި ކުރިއަށްދާ ޕީޕީއެމްގެ "އުދުހޭ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވި 3 ބޮނޑި އަކީ، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ، ޕީޕީއެމްގެ ތެރޭގައި އުފެދުނު ކޯލުންތަކުގެ މައްސަލަ އަދި ޕީޕީއެމް މެމްބަރުންތަކެއް އެމަނިކުފާނާއި ދެކޮޅަށް ނިކުންނެވި މައްސަލައެވެ.

ފުރަތަމަ ބޮނޑިއަކީ އެންމެ ކައިރިން އަޅުގަނޑު މަރާލަން ދިން އުދުވާނީ ހަމަލާ. ދެ ވަނަ ބޮނޑިއަކީ އަޅުގަނޑު ޕާޓީގެ އެންމެ އިސް ސަފުގައި އުފެދުނު ކޯޅުން. ތިންވަނަ އުދުވާނަކީ، އަޅުގަނޑުމެން ރައްޔިތުންގެ ލޯތްބާ އިހްތިރާމާއެކީ ޕާޓީން ހޮވި އަޅުގަނޑުމެންގެ އެތައް ބައިވަރު މެމްބަރުންތަކެއް، އަޅުގަނޑުމެން ދޫކޮށްލާފަ ނުކުމެ ކުރި ބަޣާވާތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ 2013ގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓު ނަމްބަރަކަށް ލިބުނީ "ތިނެއް" އެއީ އުފާވެރި އަދި ހިތްދަތިކަން ހިމެނޭ ނަމްބަރެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ނަމްބަރު ތިނަކާ އެކު ވަރުގަދަ ތިން އިމްތިހާނު ސިޔާސީ ހަޔާތުގައި ތަހައްމަލު ކޮށްފައިވާ ކަމަށާއި، އެކަންކަމާ ކުރިމަތިވީ، ރައްޔިތުންނާއި ޕާޓީގެ މަސްލަހަތަށްވުރެ އަމިއްލަ އެދުން އިސްކުރެވޭތީ ކަމަށެވެ.