ހިތަދޫ ކުޑަކުދިންގެ ޕާކްގައި ހުންނަ އައިސް ޑިލައިޓުން މުއްދަތު ހަމަވެފައިވާ ޖޫގޯ ވިއްކާ މައްސަލައެއް އައްޑޫ ޕަބްލިކް ހެލްތުއިން ބަލަން ފަށައިފިއެވެ.
އައްޑޫ ޕަބްލިކް ހެލްތު ހިންގެވުމާއި ހަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތު އޮފިސާ އިހްތިޝާމް ނަޖީބް ވިދާޅުވީ އާއްމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެން އައިސް ޑިލައިޓު ބަލައި ފާސްކުރި އިރު އެތަނުގައި ޖޫގޯ ހަދަންބޭނުންކުރާ ސާމާން ހުރީ މުއްދަތުހަމަވެފައެވެ.
"އެތަނުން ފެނުނު ޖޫގޫ ހަދަން ބޭނުންކުރާ ސާމާންގެ މުއްދަތު ހުރީ 2012 ވަނަ އަހަރު މުއްދަތު ހަމަވެފައި. އެހެންވެ އެ ތަކެތި މިހާރު ވަނީ ޕަބްލިކް ހެލްތުގެ ބެލުމުގެ ދަށައްގެނެވިފައި" އިހްތިޝާމް ވިދާޅުވިއެވެ.
އިހްތިޝާމް ވިދާޅުވީ މައްސަލަ ރިޕޯޓްކުރި ފަރާތުން އިތުރު އެހެން ގުދަނެއްގައި ވެސް އައިސް ޑިލައިޓަށް ބޭނުން ކުރާ މުއްދަތު ހަމަވެފައި ހުރި ސާމާން ތިބި ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެތަން ބަލާފައި ނުވާ ކަމަށް އިހްތިޝާމް ބުންޏެވެ.
"އިތުރު ތަނެއްގައި ސާމާން ހުރި ކަމުގެ ރިޕޯޓް ލިބުނު، އެކަމަކު އެތަނެއް ނުބަލަން، ތަނުގެ ވެރިފަރާތުން ބުނަނީ އެއީ އެމީހުނާއި ގުޅުން ހުރި ތަނެއް ނޫންކަމަށް. އެހެންވެ އެތަން ދޫކޮށްލީ"
އައިސް ޑިލައިޓުން ކޭޓަރ ކުރާ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ކެންޓީނުން ފަންގަސް ޖަހާފައިވާ ޕިއްޒާއެއްގެ މައްސަލަވެސް މިދޭތެރެއިން ފަޅާއަރައި އެމައްސަލަވެސް ޕަބްލިކް ހެލްތުން ވަނީ ބަލާފައެވެ.
އިހްތިޝާމް ބުނީ ފާހަގަ ކުރެވުނު މައްސަލަ ހައްލުކުރުމަށް ތަނުގެ ވެރިފަރާތަށް މިހާރު އަންގާފައިވާކަމަށެވެ.