ސިންގަޕޫރުގެ ހައި ކޯޓުގެ ހުރުމަތް ކަނޑާލުމުން، ށ،ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ޖޫރިމަނާކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޝިދު ޖޫރިމަނާކޮށްފައި ވަނީ ސިންގަޕޫރުގެ ހައި ކޯޓަށް ހާޒިރުވާން ކުރި އަމުރަކާ ޚިލާފުވެވަޑައިގެން، ކޯޓަށް ހާޒިރުވެވަޑައި ނުގެންނެވުމުންނެވެ.
ސިންގަޕޫރުގެ ހައި ކޯޓަށް ހާޒިރުވާން އޭޑީކޭ ނާޝިދަށް އެންގީ، ސިންގަޕޫރުގެ އިންވެސްޓްމެންޓް ކުންފުނި، ފޯމެންޓޯ އެސޯސިއޭޓެޑް ސިންގަޕޫރު ހޯލްޑިންސް ކުންފުނީގެ އަތުން އޭޑީކޭ ޓްރެވަލްސް އިން ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނެއްގެ މައްސަލައިގަ އެވެ. 2011 ވަނަ އަހަރު އޭޑީކޭ ޓްރެވަލްސްއިން ނެގި އެ ލޯނަށް ޕާސަނަލް ގެރެންޓީ ދީފައި ވަނީ އޭޑީކޭ ނާޝިދެވެ.
ސިންގަޕޫރުގެ "ދަ ސްޓްރެއިޓްސް ޓައިމްސް" ލޯނުގެ މައްސަލައިގައި ފޯމެންޓޯ ކުންފުނިން، ނާޝީދު އާއި އޭޑީކޭ ޓްރެވަލްސް އަދި އޭޑީކޭ ކޮމްޕެނީއާ ދެކޮޅަށް ދައުވާ ކުރުމުން، ފައިސާ އަނބުރާ ދެއްކުމަށް 2014 ވަނަ އަހަރު ސިންގަޕޫރުގެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެހެން ނަމަވެސް އެ ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އޭގެ ފަހުން ފޯމެންޓޯ ކުންފުނިން ސިންގަޕޫރުގެ ހައިކޯޓަށް މައްސަލަ ހުށަހެޅީ އެވެ. ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ފޯމެންޓް ކުންފުނިން ވަނީ ، ދަރަނީގެ ބަދަލުގެ ގޮތުގައި އެކުންފުންޏަށް ނެގޭނެ ހަރު މުދަލެއް އޭޑީކޭ ނާޝިދުގެ މިލްކިއްޔާތުގައި ހުރިތޯ ބަލައި، އެފަދަ މުދަލެއް ހުރިނަމަ އެ މުދަލެއް ނަގައި ދިނުމަށް އެދިފައެވެ.
ފޯމަންޓޯ އިން ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ޖުލައި 8 ވަނަ ދުވަހަށް ތާވަލުކުރި ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވާން އޭޑީކޭ ނާޝިދަށް އެންގުމުން ވެސް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އަދި އޭގެ ފަހުން ހައި ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގެ އަޑުއެހުމަކަށް ހާޒިރުވާން ޖުލައި މަހުގެ ތެރޭގައި އެންގުމުން ވެސް އޭޑީކޭ ނާޝިދު ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
ސިންގަޕޫރުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ޖުލައި މަހަށް ތާވަލް ކުރި އަޑުއެހުމަށް ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުނީ، މަޖިލިސް ޖަލްސާތަކާއި ސިޔާސީ ބައްދަލުވުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެ ނާޝިދު ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އެ ގަބޫލުކޮށް މިމަހުގެ 6 ވަނަ ދުވަހަށް ކޯޓުން އަޑުއެހުން ފަސްކުރި އެވެ.
ނޮވެމްބަރު މަހު 6 ވަނަ ދުވަހު ބޭއްވި ކޯޓުގެ ހުރުމަތުގެ މައްސަލައިގެ އަޑުއެހުމުގައި ނާޝިދުގެ ވަކީލުން އެދިވަޑައިގެންނެވި ނަމަވެސް ޖުޑިޝަލް ކޮމިޝަނަރު އޯޑުރޭ ލިމް ނިންމެވީ، ކޯޓުގެ އަމުރާއި ނާޝިދު ޚިލާފުވެވަޑައިގެންނެވީ ގަސްދުގައި ކަމަށެވެ.
ކޯޓުގެ ހުރުމަތް ކަނޑާލިކަން ސާބިތުވި ނަމަވެސް، މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމަކަށް ބެއްލެވުމަށް ފަހު ޖުޑިޝަލް ކޮމިޝަނަރު ނިންމެވީ 12,000 އެމެރިކާ ޑޮލަރު(185،040 ރުފިޔާ)ގެ ޖޫރިމަނާއަކުން މައްސަލަ ނިންމުމަށެވެ.
ފޯމެންޓޯ ކުންފުނިން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ސިންގަޕޫރުގެ ހައިކޯޓުން ވަނީ ނިންމާފަ އެވެ.