ރައީސް އަބްދުﷲ ޔާމީން ފަދަ ހިންގުންތެރި އިސްލާމީ ރިވެތި އުޞޫލުތަކަށް ހިތްވަރުދެއްވާ ރައީސަކު ލިބުމަކީ ނިޢުމަތެއް ކަމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
"އުދުހޭ" ނަމުގައި ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ،ރައީސް ޔާމީން ފަދަ ހިންގުންތެރި އިސްލާމީ ރިވެތި އުޞޫލުތަކަށް ހިތްވަރުދެއްވާ ރައީސަކު ލިބުމަކީ ނިޢުމަތެއް ކަމަށާއި އެކަމަށް ޝުކުރުވެރިވުން ޙައްޤު ކަމަށެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ހަނގުރާމަ ކުރައްވަމުން ގެންދަވަނީ ދިވެހި އިޤުތިޞާދު ކޮޅަށްޖަހާ، ދިވެހީންނަކީ ފުދުންތެރި އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭ ބަޔަކަށް ހެއްދެވުމަށް ކަމަށެވެ.
ދިވެހި ރާއްޖެއާމެދު ހަސަދަވެރިވާ ބަޔަކުވެސް ދުނިޔޭގައި އުޅެމުންދާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އެއީ ދިވެހީންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައި ވުމުންނާއި ރާއްޖެއަށް އަންނަ ތަރައްޤީ އާއި ކުރިއެރުމުގެ ސަބަބުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުނަ ވެރިން ޚިޔާރުކުރައްވަނީ އެއްކައުވަންތަ މާތް ﷲ ކަން ހަނދުމަފުޅުކޮށް އަރުވަމުން މިނިސްޓަރު ސަޢިދު ވަނީ ސިޔާސީ ފިކުރު އެއް ފަރާތް ކުރުމަށްފަހު ޤައުމީ ވިސްނުމުގައި އެންމެން އެކީ މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.