ރިޕޯޓް

އަސްތާ! ފަލާހު ކޮބާ؟

އިނގުރައިދޫ ދާއިރާގެ މެމްބަރ ފަލާހު، ފޮޓޯ ޓްވިޓަ

މީގެ ދުވަސްކޮޅެއް ކުރިއަށް ޖެހިލާއިރު ޕީޕީއެމްގެ ހަފްލާތަކުގައި އެންމެ ބާރަށް ވާހަކަ ދައްކަވަމުން ގެންދެވި ބޭފުޅަކީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

ޕީޕީއެމްގެ ނޫސްކޮންފަރެންސްތަކުގައި އިދިކޮޅު ފަރާތްތަކަށް ބަހުގެ ހޫނު ހަމަލާތައް ފޮނުވާލައްވައެވެ. ޖޯޝާއި ފޯރީގައި ފަލާހު ވިދާޅުވި ވާހަކަ ތަކުން ސިޔާސީ ގޮތުން އެތައް "ސަޅިބައިސާ" އެއް ވެސް އިވިގެން ދިޔައެެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދަށް ބަހުގެ ހޫނު ހަމަލާތައް ފޮނުވާލައްވައެވެ. ބޮޑެތި ތުހުމަތުތައް ވެސް ކުރައްވައެވެ.

އެ ތުހުމަތުތަކުގެ "ނާޒުކު" ކަމުން ބައެއް ފަހަރަށް ޓީވީ ޗެނަލްތަކުން ފަލާހުގެ ވާހަކަފުޅުތައް ސެންސަރު ވެސް ކުރަން ޖެހިފައި އެބަހުއްޓެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް ޕީޕީއެމުން ބޭއްވި އެއްވެސް ޖަލްސާއަކުން އަދި އިވެންޓަކުން ވެސް މެންބަރު ފަލާހެއް ނުފެނެއެވެ.

ޕީޕީއެމްގެ ހަރަކާތްތަކުން ފަލާހް "ގެއްލުނީ" އެބޭފުޅާއަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ މައްސަލައެއްގެ ވާހަކަ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އާންމު ކުރުމުން އެކަމާއި ގުޅިގެން އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ތެރޭގައި ހައިޖާނެއް އުފެދުނު ފަހުންނެވެ.

އެ ހައިޖާނުގެ ތެރޭގައި ފަލާހު ވަނީ، ނަން ވިދާޅުނުވެ ޕީޕީއެމްގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ފަލާހު ވަނީ ޕީޕީއެމްގެ ހުރިހާ މަގާމެއްގައި ތިއްބެވީ ވޯޓުލައިގެން ހޮވިފައި ތިއްބެވި ބޭފުޅުންތޯ ވެސް ސުވާލު އުފައްދާފައެވެ. ނަމަވެސް އެޗެޓް ލޮގު ތަކަކީ ސައްހަ އެއްޗެއް ނޫންކަމަށް ފަލާހު ވަނީ ބުނެފައެވެ.

ފަލާހު ސިޔާސީ ހަރަކާތްތަކުން "ގެއްލިފައިވާ" އިރު ދާދި ފަހުން ފަލާހް ވަނީ މާލެއިން ހަތަރު މިލިއަނަށް ގޯއްޗެއް ގަނެފައެވެ. އެކަމާއި ބައެއް ފަރާތަތަކުން ފާޑު ވިދާޅުވާން ފެށުމުން ފަލާހު ވިދާޅުވީ މަޖްލިސްއަށް އިންތިހާބްވި އިރުވެސް މިލްކިއްޔާތުގައި 50 މިލިއަން ރުފިޔާގެ އަގުހުރި ދެ ސަފާރީ އޮތް ކަމަށެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކެވި، ޕީޕީއެމްގެ މަޖިިލިސް މެންބަރަކު ވިދާޅުވީ، ފަލާހުގެ ފާޑުކިޔުންތައް އަމާޒު ކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ މަޤާމުގައި ތިއްބެވި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމަށް ކަމަށެވެ.

އަބްދުއްރަހީމް ނައިބަކަށް އައްޔަން ކުރެއްވީ ރައީސް މައުމޫނެވެ. އަދި މޫސާ ޒަމީރަކީ ރައީސް އަބްދުﷲ ޔާމީން އެމަޤާމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ.

ރޭ ކުޅުދުއްފުށީގައި ބޭއްވި ޕީޕީއެމްގެ ހަ އަހަރު ފުރުނު ތާރީހީ ޖަލްސާއިންވެސް ފަލާހު ނުފެނެއެވެ. އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު ޗެލެންޖަކީ ދެންވެސް ޕާޓީން މެމްބަރުން ވަކިވެގެން ދިއުން ކަމަށެވެ.